ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ބަގީއާއި އެކީ މޫދަށް ވެއްޓުނު މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ، ބ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު، އެ ރިސޯޓްގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެހާދިސާއާއި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގާފައިވާއިރު، އޭރު އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައެވެ. އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ގޮސްފައިވަނީ އައިސީޔޫގައެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަގުތަށް" ވިދާޅުވީ، ރިސޯޓެއްގައި މަސައްކަތް ކުރަނިކޮށް ބަގީއަކުން މޫދަށް ވެއްޓިގެން ފަރުވާ ދިނުމަށް ގެނައި އަންހެން މީހާ ރޭ 22:11 ގައި ނިޔާވެފައިވާ ކަމަށެވެ.

އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިން ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ މައުލޫމަތެއް އެނގިފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެއަންހެން މީހާއަކީ އަނަންތަރާ ކިހާވަށް ރިސޯޓުގައި މަސައްކަތް ކުރަމުން އައި މޮރޮކޯ އަންހެނެކެވެ.