ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫސިޓީ، ހުޅުދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިޔާ ޕީއެންސީގެ ރިޔާސީ ޓިކެޓް ޔާމީނާއި ރަސްމީކޮށް ހަވާލުކޮށްފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. ޔާމީން އައްޑޫއަށް ވަޑައިގެންފައިވަނީ މިމަހުގެ ހަވަ ދުވަހުއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތަފާތު ފިކުރުތަކުގެ މީހުންނާ ޔާމީން ބައްދަލު ކުރައްވައި ދެ ރަށުގައި ވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ.

ރޭ ހިތަދޫގައި ޖަލްސާ ބޭއްވުމަށްފަހު، ޔާމީން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމީދޫއަށް ވަޑައިގެންފައެވެ. ޔާމީން ހުޅުދޫ ބަނދަރުން ފޭބުމާއި އެކީ ދެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޔާމީން އާއި އެކީ އައްޑޫސިޓީ ކައުންސިލްގެ ޕީޕީއެމް ކައުންސިލަރުންނާއި ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އިސް ބޭފުޅުން ވަނީ ހުޅުމީދޫއަށް ވަޑައިގެންފައެވެ.

ޕީޕީއެމުން ބުނީ، ޔާމީން ހުޅުދޫއަށް މިއަދު ވަޑައިގެންފައިވާއިރު، އެރަށުގައި ވެސް ޖަލްސާއެއް އޮންނާނެ ކަމަށެވެ.

އައްޑު އެންމެ ފަހުން ޔާމީން ވަޑައިގެންފައި ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގަ އެވެ. ޔާމީންގެ މި ދަތުރަކީ އެ މަނިކުފާނު ތަންފީޒުކުރައްވަމުން ގެންދެވި ޖަލުން ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.