އައްޑޫ ސިޓީގައި ބިނާކޮށްފައިވާ ޕޮލިސް އެކެޑެމީގެ ރަޖިސްޓްރީ އޮތީ ދިވެހިންގެ އަތުގައި ނޫންކަމަށާއި އެތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ އިންޑިއާ ސަރުކާރުގެ އަތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީ ހުޅުދޫ-މީދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

ޔާމީން އައްޑުއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ވެސް އެންމެ ބޮޑު އެއްއަމާޒަކަށް ހައްދަވާފައި ވަނީ "އިންޑިއާ އައުޓް" ކެމްޕޭން ކުރިއަށް ގެންދަން ޖެހޭ ސަބަބުތައް ބަޔާން ކޮށްދެއްވުމަށެވެ. އިންޑިއާ ސަރުކާރުގެ ނުފޫޒު ދިވެހި ސަރުކާރުގެ މައްޗަށް އޮތް މިންވަރު ބަޔާން ކޮށްދެއްވަމުން ޔާމީން މިއަދުވެސް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އިހްލާސްތެރިކަމެއް އޮތްނަމަ ޕޮލިސް އެކެޑެމީގެ ރަޖިސްޓްރީ ދިވެހިންނާއި ހަވާލުކުރަންވީ ކަމަށެވެ.

"މިވަރުގެ (އެކެޑެމީއެއް) ތަރަރައްގީ ކުރުމުގެ ބޭނުމަކީ (އިންޑިއާ އިން އައްޑޫގައި) ތިބުން. އަޅުގަނޑުމެންނާއި މިހާރުވެސް އެއިމާރާތް ހަވާލުކުރަންވީ. އިހްލާސްތެރިކަމެއް މިމަސައްކަތުގައި އިންޑިއާ ސަރުކާރުގެ އޮތް ކަމަށް ވަންޏާ އަދި ސޯލިހް ސަރުކާރުގައި މިއިހްލާސްތެރިކަން އޮތްކަމަށް ވަންޏާ އަޅުގަނޑުމެންނާއި އެބަޖެހޭ އެތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން. ރަޖިސްޓްރީ ހަވާލުކޮށްފައި އަޅުގަނޑުމެން އެތަން ހުޅުވައި ދިނީމަ އެމީހުން އެތަނަށް ވަދެ އަޅުގަނޑުމެން ދައްކާ ބަޔަކު ޓްރޭން ކުރުވާނީ. ދާއިމީކޮށް ބަނޑަހަ ޖަހައިގެން ތިބެން ޖާގައެއް ނުދެވޭނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އައްޑުއަކީ މާލެ ފިޔަވައި ފަންނީ އަދި ތައުލީމީ މީހުން ތިބި އަތޮޅު ކަމަށެވެ. އެހެންކަމުން އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫންކަން ހަރުއަޑުން ބުނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. "އައްޑު އަތޮޅު ނަމޫނާއަކަށް ވެގެން ދިޔައިމަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކަން ވެގެން ދާނީ." ޔާމީން ވިދާޅުވިއެވެ.

ޔާމީން މިއަދު ވެސް ތަކުރާރު ކުރެއްވީ "މިއަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިވެހިންގެ އަތުގައި އޮންނާނެތޯ ނުވަތަ ނޫންތޯ ނިންމާނެ އިންތިހާބެއް" ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމެވެ.

ޔާމީން ވިދާޅުވީ ހުޅުމީދޫގެ ރައްޔިތުން އެމަނިކުފާނަށާއި ޕީޕީއެމްގެ ލީޑާޝިޕަށް ވިދާޅުވީ ވަރަށް ވަރުގަދަ މަރުހަބާއެއް ކަމަށާއި އެމަނިކުފާނު އެދިިވަޑައިގަންނަވަނީ ރައްޔިތުން ދެއްކެވި ތާއީދު ވޯޓަށް ބަދަލު ކޮށްދެއްވުމަށް ކަމަށެވެ. "ތިދެއްކެވި ތާއީދު އިންޑިއާ ސަރުކާރަށް. މިހާރު މިއޮތް ސަރުކާރަށް ދައްކަވާ. ސަރުކާރުން އިންޑިއާ ސިފައިން މިތަނުގައި ބައިތިއްބައިގެން ތިކުރާ ކަންތައްތަކަށް ބޮޑުކޮށް ނޫނެކޭ ބުނާކަން ދައްކަވާ." ޔާމީން ވިދާޅުވިއެވެ.

ޔާމީން މިމަހުގެ ހަވަނަ ދުވަހު އައްޑުއަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑުއަށް ވަޑައިގެންނެވި ފަހުން ޔާމީން އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޕީޕީއެމް އިން ބުނާ ގޮތުގައި ޔާމީން އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. މިދަތުރުފުޅުގައި ޔާމީން ޕީޕީއެމްގެ މެންބަރުންގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުންނާއި އަދި އާއްމު ރައްޔިތުންނާއި ވެސް ބައްދަލު ކުރައްވާ އަންނަ އަހަރު ރިޔާސީ އިންތިހާބަށް ތައްޔާރުކުރާ ޕީޕީއެމްގެ މެނިފެސްޓޯއަށް ހިޔާލު ހޯއްދަވަމުން ގެންދަވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ރާއްޖޭގެ ކަނޑާ، މޫދާ، ޖައްވާ ، އެގިގެން ދީފަ ހުރި ބިންތަކާ ، ނޭންގި މަކަރާ ހީލަތުން ދީފައިވާ ބިންތަކާ ، ފަޅުތަކާ ދިރި ތަކާ، އެއަރ ޕޯޓްކަތާ ، މި ތަންތާންގެ ރަޖިސްޓްރީ އާއި ވެރިފަރާތް ކަށަވަރު ކޮށް ދެއްވުމަށް ރައްޔަތުންގެ މެޖިލީސް މެމްބަރުން ނަށް އޮވާލަން، އާދޭސް ކުރަން.

    23
    2
  2. ޑައެލޯގް

    އިރާދަކުރެއްވިއްޔާ 2023 ގައި ޔާމީން ހުވޭނެއެވެ.

    35
    3
  3. އަލީ

    ތެދެއް. ދައުލަތުގަ ރަޖިސްޓަރީ އޮތީ . އެއްވެސް ދިވެއްސެއްގެ އަތަކުނޫން .

    17
    5
  4. pulis

    ޒަހަރުލަނީ ފަސާދަކުރަނީ އެތަނަށް އަދި ރަޖިސްޓްރީއެއް ނުވެސް ހައްދާ އޮތީ އެ ހަދައިދޭނީ އައްޑޫ ސިޓީ ކައުންސިލުން އެތަނުގައި މަސައްކަތްކުރަނީ ހުސް ދިވެހި ފުލުހުން އެތާކު އިންޑިއާގެ އެކަކުވެސް ނޫލޭ ޔާމީނު ތިގޮވާ ކޮހެއް ހަމަ ނޭގޭ

    5
    41
  5. ބޮކި

    ދައުލަތު ރަޖިސްޓަރީ އޮތީ ދޫވެހިގަ ؟

    4
    27
  6. ސުހާގުރާ

    ދައުލަތުގެ ރަޖިސްޓުރީއާއި ދިވެހިރަށްޔަތުންގެ ރަޖިސްޓުރީވެސް އޮތީ އިންޑިއާ އަތުގަ ދެހާސް ތޭވީހުގަ ރ ޔާމިން މިކަން ބަދަލުކުރާތީ އަޅުގަނޑުމެން މިތިބި ރ ޔާމީނާއި އެކު .

    19
    1