އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ އުންމީދެއް ނެތް "ފޮޅި ބަޖެޓެއް" ކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް މިފަހަރު ހުށަހެޅި ބަޖެޓަށް އިދިކޮޅު މެމްބަރުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ މެމްބަރުން ވެސް ފާހަގަ ކުރެއްވި ގޮތުގައި ބަޖެޓުގައި ޖަހާފައި ހުރީ އަދަދުތަކެކެވެ. އަދި މިއީ ފޭކް ބަޖެޓެއްގެ ގޮތުގައި އެ މެމްބަރުން ސިފަ ކުރައްވާފައިވެއެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޖެޓު ބަހުސްގައި ދެ ފެކްޝަންގެ މެމްބަރުން ދައްކަވާ ވާހަކަ ރައްޔިތުން އަޑު ނޭހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ދެބައި މީހުން، އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާފައި ވޯޓު ދޭނީ ފޮޅި ބަޖެޓު ފާސް ކުރަން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"މާޒީގައި ކަންކަން ހިނގާފައި ވަނީ މިހެން. ފައިސާ ޗާޕް ކުރަން ރުހުން ދިނީ ވެސް ހަޅޭއްލަވަ ލަވާފައި ގުޅިގެން،" މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު ކަން ވެސް ކުރިން ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެވޭ ގޮތް ހެދީ ވެސް ގުޅިގެން ނޭނގޭ ކަމަކަށް ހަދައިގެން ތިބެ ކަމަށެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން ވެސް އެ އުޅެނީ ހަމަ ގުޅިގެން ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ ބަޖެޓު ބަހުސްގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ވާހަކަ އަޑު އެހުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 170 މިލިއަން ރުފިިޔާ މަދު އަދަދެކެވެ. މި އަހަރު ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް 42.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 29 ބިލިއަން ރުފިޔާ ހޭދަ ކުރާނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެއީ ބަޖެޓްގެ 70 އިންސައްތައެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

އަންނަ އަހަރަށް ލަފާކުރާ އާމްދަނީ ނުލިބި އަދި ހަރަދުތައް ކުޑަނުކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓް ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާފާނެކަމުގެ ބިރު އެބައޮތެވެ.

އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އަންނަ އަަހަރު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަލާފައި ވަނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.5 ބިލިއަން ރުފިޔާއެވެ. އެއާއެކު ބަޖެޓުގެ ދަރަންޏަކީ އަށް ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނބޫ

    2023ގެ ބަޖެޓަކީ ގަސްތުގަ ރާއްޖޭގެ ބަނގުރޫޓުކޮށްލަން ޖަހާ މަޅިއެއް. ރައްޔިތުން ބަނގުރޫޓުވާ ހިސާބަށް ދިޔައީމަ އަމިއްލަ ބިންތަކާ ހަރުމުދާތައް ވިއްކަން މަޖުބޫރުވާނެ. އޭރުން އިބޫއައި އޭނާގެ އައުވާނުން ކެއި ހުރިހާ ފައިސާއިން އެގަނެލީމަ ނިމުނީ

  2. ނާޒް

    2023 ގައި ރާއްޖެ ޑީފޯލްޓުވުމުގެ ފުރުސަތުވަރަށް ބޮޑު. އެހެންވެ އެމްޑީޕީއިން އަންނަ އަހަރު ރިޔާސީ ރޭހުން ވަގުވަގަށް ބަލިވެގަތުމަށް ރާވާނެ. އެއީ ރާއްޖެ ޑީފޯލްޓުވެ ބަގުރޫޓުވެ ބޭރުނޫސްތަކަށް އަރާދުވަހު އެމީހުން ވެރިކަމުގައި ތިބެން ބޭނުން ނުވާނެތީއެވެ.

    3
    1