މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ވީޑިއޯ ޖާނަލިޒަމް އެވޯޑް "ވަގުތު" އަހްމަދު އަލީއަށް ލިބިއްޖެއެވެ.

އަހްމަދު އަށް އެވޯޑް ހަވާލު ކޮށްފައި ވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑް ހަފްލާގައެވެ.

އަހްމަދު އަށް އެވޯޑް ލިބިފައި ވަނީ "ވަގުތު" އިން ތަހްގީގީ ނޫސްވެރިކަމަށް ހާއްސަކޮށްފައިވާ "ވަގުތު-26" ގައި ތައްޔާރުކުރި ރިޕޯޓެއް ކަމަށްވާ "ކާށިދޫ ކަނޑުން ބަޠަލަކަށް، ފަހަތުގައި މަސްތުވާތަކެތީގެ އަނދިރި ވިއުގައެއް!" އަށެވެ. އެރިޕޯޓްގެ ވީޑިއޯ ތައްޔާރު ކޮށްފައި ވަނީ އަހްމަދު އެވެ.

"ވަގުތު-26" އިން މިދިޔަ އަހަރު ގެނެސްދިން ރިޕޯޓަކީ ކ. ކާށިދޫއަށް އުފަން އުމުރުން 22 އަހަރުގެ އިބްރާހީމް ލީވާން ކާށިދޫ ކަނޑަށް ވެއްޓުމުން ފަތާފައި ކާށިދުއަށް އެރިކަމަށް ބުނާ ޚަބަރުގެ ހަގީގަތް ހާމަކޮށްދިން ރިޕޯޓެކެވެ. އިބްރާހިމް ލީވާން ކަނޑަށް ވެއްޓުނީ ނޫންކަމާއި އޭނާ މަސްތުވާތަކެތި އެރަށަށް ގެންދިއުމަށް ގަސްދުގައި ކަނޑަށް ފުއްމާލީކަން "ވަގުތު-26" ތަހްގީގު ޓީމުން ވަނީ ހޯދާފައެވެ.

ވީޑިއޯ ޖާނަލިޒަމް އެވޯޑް ލިބުނު އަހްމަދު ނޫސްވެރިކަމުގެ ދާއިރާއަށް ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭނާ އަކީ ވީޑިއޯގްރާފަރެއްގެ އިތުރުން ފޮޓޯގްރާފަރެކެވެ.