މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި "ވަގުތު" ތަމްސީލް ކުރާ މެންބަރު އާދަމް ނަވާޒް އެކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާދީފިއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާދީ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަންއަށް ނަވާޒް ފޮނުވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު، އަންހެން ނޫސްވެރިޔަކަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އަދި އެމައްސަލަ ބެލުމަށް މީޑިއާ ކައުންސިލުން ނިންމުމުން ވެސް މީޑިއާ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިގެން މުހައްމަދު ޝަފާއު ހަސަން ވަނީ އެނިންމުމަށް އަމަލު ކުރުން ހުއްޓުވާފައި ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު ނޫސްވެރިޔާ އަށް ފުރައްސާރަ ކުރިކަމަށާއި އެމައްސަލަ އެކަމަށް ހާއްސަ ކޮމެޓީއަކުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ވެސް ނިންމާފައި ވަނިކޮށް، މައްސަލަ ބެލުމުގެ ބަދަލުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑް ހަފްލާގައި މުހައްމަދު ޝާފިއު އަށް އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ދިން ދިނުމަކީ އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރުމަށް ކައުންސިލްގެ ރައީސް ދިން ހިތްވަރެއް ކަމަށް ނަވާޒް ވިދާޅުވިއެވެ.

ނަަވާޒް ވިދާޅުވީ އަންހެން ނޫސްވެރިންނަށް ބިރުވެރިކަމެއްނެތް އަމާން މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މީހަކު ކުރީ ސަފުގައި އިނުމުގެ ފުރުސަތު ދީގެން މީޑިއާ ކައުންސިލުން ހިންގާ ހުތުރު އަމަލުގައި ބައިވެރިވުމަކީ އޭނާގެ ޟަމީރު ގަބޫލު ކުރާކަމެއް ކަމަށް ނުވާތީ މީޑިއާ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދިނީ ކަމަށެވެ.

މީޑިއާ ކައުންސިލަކީ ނޫސްވެރިންނަށް، ނޫސްވެރިކަން ކުރެވޭނެފަދަ ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައި އޮތް މުއައްސަސާ ނަމަވެސް މިއަދު ފެންނަމުން މިދަނީ ނޫސްވެރިންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދާ މުއައްސަސާއަކަށް މީޑިއާ ކައުންސިލް ބަދަލުވެފައިވާ މަންޒަރު ނަވާޒް ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުން، ފުރައްސާރައަށް ތާއިދުކޮށް ހިންގަމުން ގެންދާ އަމަލުތައް، މީޑިއާ ކައުންސިލްގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް އޮތް މުއައްސަސާތަކުން ބެލުމަށް އަޅުގަނޑު ގޮވާލަމެވެ.