މިދިޔަ ބުދަ ދުވަހު، ދަންވަރުގެ ވަގުތެއްގައި މ. ނިރުފެހި ގޭގެ ތިރީބައިގައި ހުންނަ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނެވި އޮތް އެންމެ ފަހު މީހާ އަކީ ކާކުކަން ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

އަލިފާނުގެ ހާދިސާގައި ވަނީ ގިނަ ބަޔަކު ނިޔާވެފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ ނުވަ މީހަކު ހިމެނޭ ކަމަށް މައުލުމާތު ލިބިފައިވެއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

ނިޔާވެފައި އޮއްވައި ފެނުނު މީހުންގެ ހަށިތައް ފެނުނު އިރު، ޖިންސު ވެސް ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.

އެމީހުން ހޯދުމަށް ފަހުގައި ކުރި މަސައްކަތުން ފުލުހުން މިހާރު ވަނީ އެ އެންމެން ވެސް ވަނީ ދެނެގަނެވިފައެވެ.

މިގޮތުން، ފުލުހުންގެ އިދާރާއިން މިއަދު ބުނީ ނިޔާވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނެވި އޮތް އެންމެ ފަހު މީހާ ވެސް ދެނެގަނެވިފައިވާ ކަމަށާއި އެއީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އަދި، މި ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާއި އެމީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން، އާއިލާއިން ހަށިގަނޑު އެނބުރި ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑުތައް އެގައުމުތަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ފޮރިން މިނިސްޓްރީއާއި އެގައުމުތަކުގެ ސަރުކާރާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ނިޔާވެފައި ވާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ހުންނަ ގޮތް ސަމާލުކަމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދް

    ކޮބާހޭ ތި ތާގެ ވެރި ފަރާތް .. އޭނަ އާ ބެހޭ ގޮތުން އެއްވެސް ލިޔުމެއް ލިޔަން ނުކެރިގެން ތި އުޅެނީ ކީއްވެ.. ވަރައް ލާރި ކެވިފަ އެއް ނޫން އޭނާ އައް ހުންނާނީ .. ހަމަ މީހުން މެރުމުގެ ތުހުމަތުގެ ހައްޔަރު ކުރަން ޖެހޭ މީހެއް

    16