ސުޕްރީމް ކޯޓާއި، ހައިކޯޓާއި އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވެސް ހިންގަމުން އަންނަ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ކަރަންޓު ބިލަށް އެކަނިވެސް މަހަކު ހަތަރު ލައްކަ ރުފިޔާ އަރާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބުނީ، އެ މުއައްސަސާއަށް ދައުލަތުން ދޫކުރާ ބަޖެޓުން ބޮޑު ބައެއް ހޭދަވަނީ ހިންގުމުގެ ހަރަދަށް ކަމަށެވެ.
އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ތީމުގޭގެ މެއިންޓެނެންސް އަށެވެ. މިގޮތުން، އެތަން ބެލެހެއްޓުމަށް އަހަރެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުކުރަން ޖެހެއެވެ. އަދި، އެ އިމާރާތުގެ ކަރަންޓު ބިލަށް މަހެއްގެ މައްޗަށް ތިން ލައްކައާއި ހަތަރު ލައްކައާއި ދެމެދުގެ އަދަދެއް އަރާ ކަމަށް ޑީޖޭއޭގެ މާލީ ޒިންމާދާރުވެރިޔާ މުހައްމަދު އަލީ މިއަދުގެ ކޮމެޓީގައި ވިދާޅުވިއެވެ.
"އެންމެ އެކަށީގެންވާ ގޮތެއްގައި ތީމުގެ ކަންކަން ބަލަހައްޓާ ނަމަ ދެ މިލިއަނަށް ވުރެ މަތިން ހޭދަވާނެ" އޭނާ ވިދާޅުވިއެވެ.
ތީމުގެ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު [ދައުލަތުގެ އެންމެ މަތީ ވެރިޔާ] ދިރިއުޅުއްވަން އިމާރާތް ކުރެއްވި ރިޔާސީ ގަނޑުވަރެވެ. އެކަމަކު، މައުމޫންގެ ވެރިކަން ބަދަލުވުމަށް ފަހުގައި އެތަނުގައި ހިންގަނީ ސުޕްރީމް ކޯޓާއި ހައިކޯޓެވެ.
އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އަންނަ އަަހަރު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަލާފައި ވަނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.5 ބިލިއަން ރުފިޔާއެވެ.
ބަޖެޓުގެ ބޮޑު ބަަޔަކީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން ކުރާ ހޭދައެވެ. އެކަަމަށް 29 ބިލިއަން ރުފިޔާވަރު ހޭދަވާއިރު އެއީ 70 އިންސައްތައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ޙޭދައެއް ކުރަން ނިންމާފައި ވަނީ އިގްތިސާދީ އަދި އަދި ސިނާއީ ކުރި އެރުމަށެވެ. އެއީ 10.5 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ހޭދަކުރަނީ ދިފާއީ ކަންތަކާއި އަދުލު އިންސާފަށް 5.3 ބިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާއަށް ފަސް ބިލިއަން، ތައުލީމީ ދާއިރާއިން 4.6 ބިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް 3.9 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމައިފައެވެ.
މި އަހަރުގެ ބަޖެޓުގައި ދަރަނީގެ ގޮތުގައި ހިމަނާފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ ދަށެެވެ. މިދިޔަ އަހަރު ދަރަނީގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ބަޖެޓުގެ ގޮތުގައި ހިމެނި އިރު މި އަަހަރު ހިމަނާފައި ވަނީ 8.4 ބިލިއަން ރުފިޔާގައެވެ.
މިފަހަރު ހުށަހެޅި ބަަޖެޓަކީ ރިކޯޑް ބަޖެޓެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.
ކައި ހުސްކޮށްފި
މިކަމާ އެެއްޗެއްބުނާމީހަކު ނެތީބާއޭ ހިތައްއަރަނީ!!!
މިފަހަރު ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނަގާއެއްލައިލީމަ އަެރުން ދައުވާވެސް ކުރެވޭނެ.
ހުރިހާ ލާރިއެއް ހަރަދުވަނީ ބިލްތައް ދެއްކުމައް ، މި ސަރުކާރުގެ އެއްވެސް ބޭފުޅެއް ލާރިއެއް ފަރީ ނުކުޅުއްވާނެ.
އަހުން ނުބުނަން ފަރިއްކުޅުވަނީއޭ! އަހުން ބުނީ ބަނޑުއަޅަނީއޭ