ސަރުކާރުން އެއްވެސް ކަމެއްގައި އެއްވެސް ހަރުދަނާ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަން ސަރުކާރުން ނިންމުމާއި ގުޅިގެން ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ މައްސަލައިގާ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު، މިފަދަ ބޮޑެތި މައްސަލަތަކުގެ "ވާނުވާ" ރައްޔިތުންނަށް އޮޅުންފިލުވައިދީ، ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެމްޑީޕީން އަޅުގަނޑުމެން އެ އިންތިހާބު [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރަން ބޭނުން ކަމަށްވަންޏާ، މީކީ ކުޑަ މައްސަލައެއް ނޫން. އަޅާނުލާ ފޮރުވާލާފައި ބާއްވައިގެން ގޮސްގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލުކޮށްގެނެއް ނުވާނެ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި މައްސަލައިގާ ކަން ހިނގައިގެން އުޅޭ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކީ ކަންކަން ހިނގާ ގޮތް ސާފުކޮށް ބުނެ ނުދިނުމެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ: މަޖިލިސް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ: މަޖިލިސް

"ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ސިޔާސަތެއް ނުގެންގުޅުމުގެ ސިޔާސަތު" އޭނާ ވިދާޅުވިއެވެ.

"އެއްވެސް ކަމެއްގައި އެއްވެސް ސިޔާސަތެއް ނުގެންގުޅުމުގެ ސިޔާސަތު. ޓްވީޓަކަށް ސްޓޭންޑް ބަދަލުވުން. ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅު ދެކެވަޑައިގެންފައި ދަންނަވާލާ ވާހަކައަކަށް ސްޓޭންޑް ބަދަލުވުން. އެއީ ސިޔާސަތެއް ކަމަށް ގަބޫލުކުރެވޭކަށް ނެތް"

ހަސަން ވިދާޅުވީ މިކަމުގައި ކަން ހިނގާ ގޮތް ރައްޔިތުންނަށް ސާފުކޮށް ކިޔާނުދޭ ކަމުގައި ވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"މިކަންކަން ނުކުރައްވާ [މައްސަލަތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުނުކޮށްދީ] ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ސަރުކާރަށް ފާޑުވިދާޅުވަމުން ހަސަން ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގެ ފަސްފަހަތް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެންނާށެވެ. އަދި، އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށެވެ.

މިގޮތުން، އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއީދުކުރިއެވެ. އެކަމަކު، އޭރު ރާއްޖޭން އައީ އެ ގަރާރާއި ދެކޮޅު ހަދަމުންނެވެ. އެއީ، ބައިންޑިން އެއްޗަކަށް ނުވާތީއެވެ. ޗާގޯސްގެ ދަރިކޮޅުގެ މީހުން ވެސް ބުނެފައިވަނީ އެމީހުންނާއި މޮރިޝަސް އާއި ގުޅުމެއް ނެތް ކަމަށާއި އެމީހުންގެ ބިން، މޮރިޝަސް އަށް ހަވާލުކުރަން ހުދު އެމީހުން ވެސް ތާއީދުނުކުރާ ކަމަށެވެ.

ޗާގޯސް މައްސަލައިގާ ފުށުއަރާ ކަނޑުގެ ސަރަހައްދު

މިކަމާ ގުޅިގެން ކަންބޮޑުވާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރުމުން އެމީހުންގެ ކަނޑުގެ އިން ކުރަހާ އިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ. އަދި، ރާއްޖޭން އެފަދައިން ތާއީދު ކުރުމަކީ މޮރިޝަސް ކޮޅަށް އިމުގެ މައްސަލަ ނިންމުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

މިގޮތުން، މޮރިޝަސް އަށް ޗާގޯސް ލިބުމުން އެކަމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވެގެން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކުރިން ރާއްޖޭގެ އިން ކުރެހުމުގައި އިސްކޮށް އުޅުއްވި ޑރ. މުނައްވަރު ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިޔަ އިއްޒަތްތެރި މެމްބަރ ޙަސަންލަޠީފަކީވެސް މިސަރުކާރު އެމްޑީޕީއަށްގެންނަން މަސައްކަތްކުރި އެއް މައިމުލު ކަމަށްވާއިރު އެމްޑީޕީއަށް ނުވަތަ އިބޫސާލިހަށް މިދައުރުގެ ރައީސުކަން ލިބުނުގޮތްވެސް އެއްމެބޮޑަށް އިނގޭނެ އެކަކަށް ތިބޭފުޅާވާނެކަން ގައިމެވެ. ދެދުނިޔޭގެ ހެޔޮޖަޒާ ލިބުމަށްއެދޭ މުސްލިމެއްނަމަ ހަސަންލަޠީފަށް ވިދާޅުވާންކެރޭނެތޯ އިބޫސާލިހަށް ރައީސުކަން ލިބިފައިވަނީ ސައްހަގޮތުގައި ކަމަށް؟؟؟ މާނައަކީ ކަތްޗަށް އެޅިފައިވާ ބިންގަލެއްގެ މަތީގައި ކުރެވެމުންދާ އިމާރާތެއް ދުވަހަކުވެސް ސީދަލެއްނުވާނެއޭ ވެއްޓޭފަހަރުވެސް އަންނާނެކަން މިއީ ހަގީގަތް ދޮތެ؟؟

    14