އިދިކޮޅު ފަރާތްތަކުން އުޅެނީ ރިޔާސީ އިންތިޚާބު ހައިޖެކް ކުރަން ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި، ރިޔާސީ އިންތިޚާބު ހައިޖެކް ކުރަން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ހަމަނުޖެހުން އޮތްކަން ދައްކުވައިގެން މިނިވަން މި ގައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން ހިންގަން ބޭރުގެ ބަޔަކު ގެންނަން،" ހަލީލް ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ޚަލީލް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތުމުން، ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން އިދިކޮޅުން ފަށާފައިވާ މިފަދަ މަސައްކަތްތައް ރައްޔިތުން ހުއްޓުވާނެ ކަމަށެވެ. އަދި މަގުތައް ނާމާން ކުރުމަށް ކުރާ މަސައްކަތްތައް ގާނޫނުން ބަލި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.