ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވާކަމަށް މައުލޫމާތު ލިބިގެން ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވުމަކީ ޤާނޫނާއި ހިލާފަށް ވިދާޅުވި ވާހަކަފުޅެއް ނޫންކަމަށާއި އެއްވެސް ޕްރޮޓޮކޯލަކާއި ހިލާފުވެފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް "ވަގުތު" އަށް ވިދާޅުވީ ޕްރޮޓޮކޯލް ބަދަލު ކުރުމަކީ ވެސް ސިފައިންގެ ޤާނޫނުން ޑިފެންސް މިނިސްޓަރަށް ލިބިފައިވާ ބާރެއް ކަމަށެވެ.

"މިކަމަކީ މިހާރު ބަލަމުން އަންނަ ކަމަކަށް ވާތީ މިވަގުތު އިތުރު ތަފްސީލް ދެވޭކަށް ނެތް" މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި އޮންނަ ގޮތުގައި ސިފައިންގެ އެންމެމަތީ ވެރިޔާ (ރައީސުލްޖުމްހޫރިއްޔާ) ކަނޑައަޅައި އާންމު ނުކުރާހާ ހިނދަކު، ސިފައިންނާބެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގާ އެންމެ އިސްވެރިޔަކީ މިނިސްޓަރެވެ.

ސިފައިންގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ބައިތަކާއި އެބައިތަކުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަނޑައަޅާނީ ވެސް މިނިސްޓަރު ކަމަށް އެމާއްދާގައި ބުނެފައި ވެއެވެ. މީގެ އިތުރުން ސިފައިންގެ އެންމެމަތީ ވެރިޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެ މަތިން ކޮންމެ ހިނދެއްގައި ވެސް ވަކިވަކި ސިފައިންނަށް ނުވަތަ ސިފައިންގެ ބަޔަކަށް ނުވަތަ އެންމެހާ ސިފައިންނަށް ސީދާ އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް ވެސް އެމާއްދާގައި ބުނެފައި ވެއެވެ.

އަދި ސިފައިންގެ އެންމެ މަތީވެރިޔާ ފިޔަވައި ސިފައިންގެ އެހެންވެސް ވެރިއަކަށް ލިބިދޭ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަމުރާ ހިފާލު ނުވާގޮތެއްގެ މަތިން ކޮންމެ ހިނދެއްގައި ވެސް ހިފުމުގެ ބާރު ޑިފެންސް މިނިސްޓަރަށް ސިފައިންގެ ޤާނޫނުގެ ދަށުން ލިބެއެވެ.

މިނިސްޓަރުގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓްގައި ގައުމީ ސަލާމަތައް ނުރައްކާ ވެއްޖެކަމަށް ނުވަތަ ސިފައިން އެލާޓްވި ކަމަށް ވިދާޅުވެފައެއް ނެތެވެ. ފޭސްބުކްގައި މިނިސްޓަރު ކުރެއްވި ޕޯސްޓްގައި ވަނީ ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ ފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެކަން ސަލާމަތީ ބާރުތަކާއި ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.