ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ކާނި ހޮޓެލްސް އެންޑް ޓުއާސްގެ 10 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި މާފުށީގައި ބާއްވައިފިއެވެ.

މާފުށީގައި ރޭ އޮތް ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް، ހަވާ އަރުވާ މަންޒަރު ފޮޓޯ ނަންގަވަނީ.

ކާނި ހޮޓެލްސްގެ އަހަރީ ދުވަހުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންނެވީ އިއްޔެ ހަވީރެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ދަންނަވާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ބައިވެރިވެވަޑައިގަތީ ހަވީރު ސައިގައެވެ.

އޭގެ ފަހުން، ރޭގައި އޮތް ގާލާ ޑިނާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ހަފްލާގައި ކާނި ހޮޓެލްސްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް ރައީސް ވަނީ އެވޯޑާއި ސެޓްފިކެޓް ހަވާލު ކުރައްވައިފައެވެ.

ލައިވް މިއުޒިކްއާ އެކުގައި ބޭއްވި މި ހަފްލާގައި އަހަރީ ދުވަހުގެ ހާއްސަ ކޭކެއް ވެސް ފެޅުން އޮތެވެ.

މާފުށީގައި ރޭ ބޭއްވި ހަފްލާ.

މި ކޭކް ފަޅުއްވައި ދެއްވީ ރައީސްގެ ދެކަނބަލުންނާއި ކާނި އަބްދުﷲ ގެ އަނބިކަނބަލުން އަދި ކާނި ހޮޓެލްސްގެ ސީއޯއޯ އައިމިނަތު އާސިމާ ސަލީމެވެ.

ކާނިގެ އަހަރީ ދުވަހާ ގުޅިގެން މާފުށީގައި ހަވާ ވެސް އެރުވިއެވެ.

ކާނި ހޮޓެލްސް އިން އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2008 ވަނަ އަހަރު މާފުށީގައެވެ. ކާނި އަބްދުﷲ އަކީ އަނބިކަނބަލުންނާ އެކުގައި ކާނި ނަމުގައި ކުންފުންޏެއް ހައްދަވައި ގެސްޓްހައުސް ޕްރޮޑަކްޓެއް ގޮތުގައި ކ. މާފުށީގައި ޕްރޮމޯޓްކޮށް ތަރައްގީ ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަބްދުﷲ ވެފައި ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގެވުމުގެ ޝަރަފް ހޯއްދަވާފައިވާ ހަމައެކަނި ބޭފުޅާއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާފުށިން މަރުހަބާ ދަންނަވަނީ.

އަބްދުﷲ އެންމެ ފުރަތަމަ މާފުށީގައި ހުޅުއްވީ "ކާނި ބީޗު" ނަމުގައި 18 ކޮޓަރީގެ ހޮޓަލެކެވެ. އޭގެ ފަހުން އޭނާ ވަނީ "ކާނި ލޮޖް"، "ކާނި ވިލެޖް އެންޑް ސްޕާ"، "ކާނި ގްރޭންޑް ސީވިއު" އަދި "ކާނި ޕާމް ބީޗު" ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ހުޅުއްވައިފައެވެ. އެއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު މާފުށީގައި އެބަހުއްޓެވެ.

މާފުށީގައި ކާނި ހޮޓެލްސް އިން ހިންގަމުން އަންނަ ފަސް ގެސްޓްހައުސްގެ ތެރެއިން ކާނި ޕާމް ބީޗަކީ 256 އެނދުގެ ގެސްޓް ހައުސްއެކެވެ. ކާނި ގްރޭންޑް ސީވިއުއަކީ 130 އެނދުގެ ގެސްޓްހައުސްއެކެވެ. ކާނި ވިލެޖްގައި 46 އެނދު ހުންނަ އިރު ކާނި ބީޗުގައި މިހާރު ހުންނަނީ 38 އެނދެވެ. އަދި ކާނި ލޮޖްގައި 24 އެނދު ހުރެއެވެ. ކާނި ހޮޓެލްސްގައި 184 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު އަބްދުﷲ އާއި ކާނި ހޮޓެލްސް ވިދާލައިފި

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު މުނާސަބަތުގައި ބޭއްވި "ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިން" ގައި ކާނި ހޮޓެލްސް އަށް ތިން އެވޯޑު ލިބިފައިވެއެވެ. ކާނި ހޮޓެލްސްއަކީ ރާއްޖެ އިން ބޭރުގައި އޮންނަ ބޮޑެތި ފެއާތަކުގައި ވެސް ބައިވެރިވާ ދުނިޔޭގެ މަގުބޫލު ބްރޭންޑަކަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަގިލި

    ރައީސުލް ޖުމުހޫރިއްޔާ ގެ ހައިސިއްޔަތުންއެއްވެސްއަމިއްލަ ފަރުދެއް ނުވަތަ ކޮމްޕެނީއެއްގެ ރަސްމިއްޔަތުގަ ބައިވެރިވެ ބުރޭންޑް އިސްތިހާރުކޮއްދިނުމަކީ ވަރައްނާތަހުޒީބު އަމަލެއް

    12
    2
    • ހިތާމަހުރި ގައުމުގެ ހާލަތާއި މިސްރާބު

      އެއީވެސް ކޮރަޕްޝަން.

  2. ޒާ

    މާފުށި ޓޫރިޒަމާ ޖަހައިގެން ތިޔަ އަބްދުﷲ މެން ކާއިރު މާފުއްޓަށް ކޮށްދިން ކަމެއްވހަރާމް. ޓޫރިސްޓުން ތިޔަރަށަށް އަރުވައިގެން ޑޮލަރުނަގާއިރު ތިޔަރަށުގެ މަގުތަކާ، ކުނިގޮނޑާ، އަތިރިމަތީގެ ހާލަތު ލޮލުން ފެނުނު މީހަކު ލަދުން ބޯހަލާކުވާނެ. ތިޔަށްވުރެން ތރައްގީގެ ހާލަތު ދަށް ރަށެއް ނެތޭވެސް ބުނެވިދާނެ.

    5
    1