ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު މުނާސަބަތުގައި ބޭއްވި "ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިން" ގައި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަދި ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ރޭ ވިދާލައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ހަފްލާގައި އަބްދުﷲ ވަނީ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ހާސިލް ކުރައްވައިފައެވެ. މި އެވޯޑު އޭނާއާ ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކާނި އަބްދުﷲ އަކީ 2008 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފް ކުރެއްވުމަށް އަނބިކަނބަލުން އަދި ކާނި ހޮޓެލްސްގެ ސީއޯއޯ އައިމިނަތު އާސިމާ ސަލީމް އާ އެކުގައި ކުންފުންޏެއް ހައްދަވައި، ގެސްޓްހައުސް ޕްރޮޑަކްޓެއް ގޮތުގައި ކ. މާފުށީގައި ޕްރޮމޯޓްކޮށް ތަރައްގީ ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަބްދުﷲ ވެފައި ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގެވުމުގެ ޝަރަފް ހޯއްދަވާފައިވާ ހަމައެކަނި ބޭފުޅާއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަބްދުﷲ ގެ އަނބިކަނބަލުންނާ އެވޯޑު ހަވާލުކޮށް ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ އެންމެ ފުރަތަމަ މާފުށީގައި ހުޅުއްވީ "ކާނި ބީޗު" ނަމުގައި 18 ކޮޓަރީގެ ހޮޓަލެކެވެ. އޭގެ ފަހުން އޭނާ ވަނީ "ކާނި ލޮޖް"، "ކާނި ވިލެޖް އެންޑް ސްޕާ"، "ކާނި ގްރޭންޑް ސީވިއު" އަދި "ކާނި ޕާމް ބީޗު" ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ހުޅުއްވައިފައެވެ. އެއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު މާފުށީގައި އެބަހުއްޓެވެ.

ރޭގެ އެވޯޑު ހަފްލާގައި މި ފަސް ގެސްޓްހައުސްގެ ތެރެއިން ދެ ގެސްޓްހައުސްއަކަށް ވަނީ އެވޯޑު ލިބިފައެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ގެ ގެސްޓްހައުސް ކެޓަގަރީން "އެވޯޑު ފޯ އެކްސަލެންސް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ" އެވޯޑު ލިބިފައި ވަނީ "ކާނި ބީޗު" އަށެވެ.

ރައީސްގެ ދެކަނބަލުންނާއި އަބްދުﷲ ގެ ދެކަނބަލުން ފޮޓޯ އަކަށް ހުއްޓިގެން.

ކާނި ހޮޓެލްސް އިން ހިންގަމުން އަންނަ ކާނި ބީޗަކީ 2008 ވަނަ އަހަރުން ފެށިގެން މާފުށީގައި ހިންގަމުން އަންނަ ގެސްޓް ހައުސްއެކެވެ. މި ގެސްޓް ހައުސްއަކީ މާފުށީގެ ތަރައްގީ އަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރަމުން ގެންދާ ގެސްޓް ހައުސްއެކެވެ. ރައީސް ދެއްވި މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ އަބްދުﷲ ގެ އަނބިކަނބަލުންނެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ގެ ގެސްޓް ހައުސް ކެޓަގަރީން "އެވޯޑު ފޯ މޯސްޓް އިނޮވޭޓިވް ޓޫރިސްޓް ފެސިލިޓީ" އެވޯޑު ލިބިފައި ވަނީ "ކާނި ގްރޭންޑް ސީވިއު" އަށެވެ. އެ ގެސްޓް ހައުސްއަކީ ކާނި ހޮޓެލްސް ގްރޫޕުން 2017 ވަނަ އަހަރު ފުރަތަމަ ކޮންފަރެންސް ފެސިލިޓީއާ އެކުގައި ހުޅުވާފައިވާ ހަތަރު ވަނަ ގެސްޓް ހައުސްއެވެ. މި ގެސްޓް ހައުސް ހިންގުމަށް ފުލީ އެޓޮމޭޓަޑް ސިސްޓަމެއް ގާއިމުކޮށްފައިވެއެވެ. ރައީސް ދެއްވި މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ އަބްދުﷲ އެވެ.

ކާނިގެ ދެ ގެސްޓްހައުސްއަކަށާއި އަބްދުﷲ އަށް ލިބިވަޑައިގެންނެވި އެވޯޑު.

މާފުށީގައި ކާނި ހޮޓެލްސް އިން ހިންގަމުން އަންނަ ފަސް ގެސްޓްހައުސްގެ ތެރެއިން ކާނި ޕާމް ބީޗަކީ 256 އެނދުގެ ގެސްޓް ހައުސްއެކެވެ. ކާނި ގްރޭންޑް ސީވިއުއަކީ 130 އެނދުގެ ގެސްޓްހައުސްއެކެވެ. ކާނި ވިލެޖްގައި 46 އެނދު ހުންނަ އިރު ކާނި ބީޗުގައި މިހާރު ހުންނަނީ 38 އެނދެވެ. އަދި ކާނި ލޮޖްގައި 24 އެނދު ހުރެއެވެ. ކާނި ހޮޓެލްސްގައި 184 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް ރަށަކީ ވެސް މާފުއްޓެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މާފުއްޓާ އެއްވަރަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެއް އަދި ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވ

    އެމްޑީޕީ އަތުން ވެރިކަން ގެއްލުމުން އަންނިއާ، އިބްރާހިމް އިސްވެ ހުރެ ދެން ދިމާކުރީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން، މި އިބްރާހިމްގެ ލަދެއް ހަޔާތެއް ހުރި ނަމަ މިކަލަހަލަ ދުވަހެއް ފާހަގަކުރަން ނުކެރުނީސް. މީހާ ވަރައްވުރެ ހަޔާތްކުޑަ ވީމަ ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ

    22
    3
  2. މަރުޙަބާ

    މަރުހަބާ ދަންނަވަން. 15 އަހަރަށްވުރެން ގިނަ ދުވަހު ތިޔަ ޚިދުމަތް ދެއްވީތީ ޝުކުރިއްޔާ! މަ ހައިރާންވީ މަނިކުފާނު 15 އަހަރަށްވުރެ ގިނަ ދުވަހު ތިޔަ ޚިދުމަތް ދެއްވާފައިވާއިރު ތިޔަ ޚިދުމަތް ފެށްޓި ގޮތާމެދުގައި. އެއީ 2008 ގެ ފަހުން އައި ސިޔާސަތެއްގެ ދަށުން ފެށުނު ކަމަކަށް 15 އަހަރު ފުރުނުގޮތެއް މަގޭ ކޮށި ވިސްނުމަށް ނުވިސްނުނީތީއެވެ.

    14
    1
  3. ޖާބިރު

    އަޅުގަނޑަކީ އެވޯޑް ހައްގު ފަރާތެއް

  4. ޢ

    15އަހަރު ހިދުމަތްތެރިންނައްވެސް ގޯލްޑް އެވޯޑް ޓުވަރިޒަމްގެ ބާނީންނައްވެސް ގޯލްޑް ކޮމެޓީއައްސަލާން

  5. އދލ ސލމ

    މީހުނައް ދޭންހުރި ދަރަނިތައް ދައްކާ އެވޯޑު ނަގާފަ ފޮނިވާއިރު