މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ނައިބް ރައީސް ކަަމަށް ވަގުތުގެ ޑެޕިޔުޓީ އެޑިޓަރ ހުސެއިން ޝަރީފް ހޮވައިފިއެވެ.

ހުސެއިން އެމްއެމްސީގެ ނައިބް ރައީސް ކަމަށް ހޮވުނީ ހަތް މެންބަރުންގެ ވޯޓުންނެވެ. އޭނާއާއެކު ދެން އެ މަގާމަށް ވާދަ ކުރީ ވަން އޮންލައިންގެ މުހައްމަދު ސިމާއު އާއި އަމިއްލަ މެންބަރު އަހްމަދު އަމީނު މުހައްމަދެވެ.

އެގޮތުން ސިމާއު އަށް ލިބުނީ ދެ ވޯޓެވެ. އަދި އަމީން އަށް ލިބުނީ ހަ ވޯޓެވެ.

އެމްއެމްސީގެ ނައިބް ރައީސް ކަމަށް ހުސެއިން ހޮވުނުއިރު، ރައީސް ކަމަށް ހޮވުނީ ޕީއެސްއެމްގެ އަހްމަދު މުސްތަފާ (މުސްތޮ) އެވެ.

އެމްއެމްސީގެ ނައިބް ރައީސް ކަަމަށް ހޮވުނު ހުސެއިން ޝަރީފް ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނެވީ 2019 ވަނަ އަހަރުގެ ކުރީކޮޅު، އެންމެ އާދައިގެ ނޫސްވެރިއެއްގެ ގޮތުގައެވެ. "ވަގުތު" ނޫހުން އޭނާ ނޫސްވެރިކަމުގެ ދާއިރާ ފެއްޓެވިއިރު، އާންމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރު ވެސް އޭނާ އަންނަނީ ލިޔުއްވަމުންނެވެ.

އޭނާއަކީ މުޖުތަމައުގައި ހިނގާ އެކިއެކި ހާދިސާތަކާއި މައްސަލަތަކާއި އިޖުތިމާއީ ހަބަރުތަކާއި ރިޕޯޓްތައް ލިޔުއްވަމުން އަންނަ ނޫސްވެރިއެކެވެ. "ވަގުތު" ނޫހުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން އަންނަ ހުސެއިން ވަނީ އެ ނޫހުގެ އެސިސްޓަން އެޑިޓަރު ކަން ވެސް ކުރައްވައިފައެވެ.