ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ތަސައްވަރު ދައްކުވައިދޭ ފޮތް 'ދަ އިޔާރ 2045' އިފްތިތާޙްކޮށްފިއެވެ.

މި ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗް.ޑީ.ސީގެ ފަރާތުން ހިންގަވާ ދަ ސަރކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ. މި ފޮތް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގެ ޑިރެކްޓަރ އަހްމަދު އާތިފުއެވެ.

އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން, އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ދަ ސަރކަލް އަކީ ކުޑަކުދިން އަދި ބޮޑެތިމީހުންގެ ވިސްނުން ތަރައްޤީކޮށް, އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ހިންގާ އެކަޑަމީއެކެވެ. އުގެނުމަށް ޝައުގުވެރިވާ, ޢިލްމީ, މަސައްކަތްތެރި, އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

ދަ ސަރކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރސް އޮފް ޓުމޯރޯ, ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ, އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން, ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެ ފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ޙިދުމަތްތަކެއް އަދި މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެޗްޑީސީގެ އިސްނެގުމުގެ މަތިން ދަނީ ކުރެވެމުންނެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް، އަދި ވަކިން ޙާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިގެން ދާނެ ކަމުގެ ޔަޤީންކަން މި ހަފުލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވަނީ އަރުވާފައެވެ.