ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 882 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށެއްގައެވެ. މިއީ 37.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 200 ދުވަސް ތެރޭގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދާފައިވެއެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައިއެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.