މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ފޯނު ނަންބަރުން ފޭކު މެސެޖްތަކެއް އާންމުންނަށް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް މުއިއްދު އެދިއްޖެއެވެ.

މުއިއްޒުގެ ނަންބަރު ކަމަށްވާ 7788937 އިން އެސްއެމްއެސް އަދި ވައިބާ މެސެޖުތައް އެކި ފަރާތްތަކަށް ފޮނުވަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ އިއްޔެ ކަމަށާއި އެނަންބަރުން މެސެޖެއް ލިބިއްޖެނަމަ އޭނައަށް ގުޅައިގެން އޮޅުންފިލުވުމަށް މުއިއްޒު ވަނީ އެދިފައެވެ.

"އަޅުގަނޑުގެ މޮބައިލް ނަންބަރ 7788937 އިން އެސްއެމްއެސް އަދި ވައިބަރ މެސެޖް އެކި ފަރާތްތަކަށް ފޮނުވަމުންދާކަން ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން. އިއްޔެ އެންމެ ފަހުން މިކަހަލަ ކަމެއް ހިނގީ. ވީމާ އެއްވެސް ބޭފުޅަކަށް އަޅުގަނޑުގެ ނަންބަރުން މެސެޖެއް ލިބިލައްވައިފިނަމަ ސީދާ އަޅުގަނޑު ކައިރިން އޮޅުންފިލުވުން އެދެން." މާލެ ސިޓީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ނަމުގައި ފޭކު މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމާ ސަމާލުވާން މީގެ 2 ހަފްތާ ކުރިން އެކަންސިލުން ވަނީ އެދިލައްވާފައެވެ. ސިޓީ ކައުންސިލުން ބުނާގޮތުން މިފަދަ އަސްލެއް ނެތް މެސެޖްތައް ފޮނުވަނީ ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު