ކުރިއަށް އޮތް ރިޔާސީ އިބްތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ގުނަން ފަށައިފިއެވެ.

އިންތިހާބުގައި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ނަމަވެސް ބައެއް ރަށްތަކުގައި ވޯޓުލުން ފަށާފައިވަނީ ލަހުންނެވެ. ވޯޓު ލުމުގެ ފަހުގެ ވަގުތަކަށް ކަނޑައަޅާފައިވަނީ ހަވީރު 5:00 އެވެ.

ވޯޓުލުން މިވަގުތާއި ހަމައަށް ބައެއް ރަށްތަކުގައި ބަންދު ކޮށްފައިވާއިރު، ބައެއް ރަށްރަށުގައި މިވަގުތު ވަނީ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައެވެ.

ބައެއް ރަށްތަކުގެ ނަތީޖާތައް ދައްކާ ގޮތުގައި މިވަގުތު ކުރީގައި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވާދަވެރި ކެމްޕޭނަކަށް ފަހު މިއަދު ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް ރަށްތަކުގައި ވަނީ ހަމަނުޖެހުން ވެސް ހިނގާފައެވެ. އެގޮތުން ބައެއް ރަށްތަކުގެ ވޯޓު ފޮށި ފަޅާލައި، ކަރުދާސް ނަގާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.