ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން ނިންމާ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމާއި ގުޅިގެން އެ ޕާޓީން ހައިކޯޓަށް ދެވަނަ ފަހަރަށް ހުށައެޅި މައްސަލަވެސް ބަލައިނުގަނެ ބޭރުކޮށްލައިިފި އެވެ.

ޑީއާރުޕީން އުވާލަން ނިންމުމުން އެޕާޓީން ފުރަަތަމަ ހައިކޯޓަށް މައްސަލަ ހުށަހެޅީ ޖަނަވަރީ 23 ގައެވެ. ނަމަވެސް އެ ފަހަރު ހައިކޯޓުން ވަނީ އެއީ ކޯޓަށް ބެލޭނެ މައްސަލައަކަށް ނުވާތީ ޑީއާރުޕީން އިލެކްޝަންސް ކޮމިޝަނާ ދެެކޮޅަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް ނިންމިކަން އަންގާފައެވެ.

އެމައްސަލަ ބޭރުކޮށްލުން ޑީއާރްޕީން ފަހުން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލަ އަލުން ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މި ފަހަރުވެސް ހައިކޯޓުން މައްސަލަ ރަޖިސްޓްރީކޮށް ނުދީ ވަނީ ބޭރުކޮށްލާފައެވެ.

ޑީއާރްޕީ އުވާލަން އިލެކްޝަނުން ނިންމީ މިދިޔަ ޑިސެމްބަރ މަހު އެވެ. ޑީއާރުޕީ އުވާލަން ނިންމާފައިވާތީ އެ ޕާޓީގެ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން އޮތީ އަންގައިފަ އެވެ. ގާނޫނުގައ ބުނާ ގޮތުން 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް ކޮމިޝަނުން އުވާލަން ޖެހެ އެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޑީއާރްޕީ އަށް މައްސަލަތައް ކުރިމަތިވީ މައުމޫނަށް ފަހު ލީޑާޝިޕާއި ހަވާލުވި އަހްމަދު ތަސްމީލް އަލީ އާއި ދެކޮޅަށް މައުމޫނަށް ތާއިދު ކުރާ ފަރާތްތަކުން 2011 ވަނަ އަހަރު ނިކުތުމުންނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ތަސްމީން ވަނީ ޑީއާރްޕީ ދޫކޮށްލާފައެވެ. ދެން ޕާޓީގެ ލީޑާޝިޕާއި ހަވާލުވީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. ނަމަވެސް އޭނާ އަށް ޕާޓީ ހިންގައެއް ނުލެވުނެވެ. ޖާބިރު ޑީއާރްޕީގެ ލީޑާޝިޕާއި ހަވާލުވީ 2019 ވަނަ އަހަރު އެވެ. ޖާބިރު މިހާރު ވަނީ ޑީއާރްޕީ އިން އިސްތިއުފާ ދިނުމަށް ފަހު އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމްޑީ

    ކާނަލް އަލަމްގިރި ޕާޓީ އުފައްދައިގެން ޑީއާރުޕީން އިސްތިއުފާދިނީ!

  2. Anonymous

    މައުމޫނު އުފެއްދި ހުރިހާ އެއްޗެއް ބީވަމުންދަނީ ދޯ. މިކަމުން ޢިބްރަތެއް ލިބިގަންނަން ވެއްޖެއެއްނު ދޯ.