ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، މުހައްމަދު ހަލީލް، ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސްއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައެވެ.

ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް، މަހުމޫދު އައްބާސް ވަނީ ސަފީރު ޚަލީލަށް މަރުޙަބާ ދަންނަވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

ސަފީރު ހަލީލް ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ރައީސް އައްބާސްއަށާއި ފަލަސްތީނުގެ ރައްޔިތުންނަށާއި ސަރުކާރަށް ވެދުމާއި މުބާރިކުބާދީ އަރިސްކޮށްފައެވެ.

ސަފީރު ހަލީލު ވިދާޅުވީ، ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ރައީސް ސޯލިހްގެ ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށެެވެ. އަދި ފަލަސްތީނުގެ ހާލަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް ހާއްސަ ކަމެއް ދެވިފައިވާ ހާލަތެއްކަމަށްވެސް ހަލީލް ވިދާޅުވިއެެވެ.

އަދި 1967ގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްގީނެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމުންދާ ސިޔާސަތު ސަފީރު ހަލީލު ތަކުރާރުކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ރައީސް އައްބާސް ވަނީ ރައީސް ސޯލިހް ފަލަސްތީނާއި ދޭތެރޭ ބަހައްޓަވާ ހާއްސަ ގާތްގުޅުން ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ފަރާތްޕުޅުން އިހްތިރާމާއި އެކު ވެދުން އަރިސްކޮށްދެއްވުމަށް ސަފީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

އަދި، މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ފަލަސްތީބު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުންދާ ތާއީދަށާއި މެދުއިރުމަތީ ސަރަހައްދުގެ އަމަންއަމާންކަން ގާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއިން ވަކާލާތު ކުރަމުންގެންދާކަމަށްޓަކައި ތައުރީފުކުރައްވާ، ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު މުޙައްމަދު ހަލީލު، ރައީސް މަހުމޫދު އައްބާސްއަށް ފަތްކޮޅުއެރުވުމާއެކު މިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްޠީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.

ރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.

މިބައްދަލުވުމުގައި ސަފީރު ހަލީލްއާއެކު ރިޔާދުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ މަރިޔަމް ޝަފްވާ ބައިވެރިވެވަޑައިގެންނެވިއެވެ.