ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތައީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ އަލީއާ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ އާއި ސަފީރު ވަލީދް އަބޫ އަލީއާ އާއެކު ބޭއްވި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެއާއި ފަލަސްޠީނާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްތީނާއިއެކު އޮންނަ އޮތުން ފާހަގަކުރައްވާފައެވެ

އަދި ސަފީރު ވަނީ ފަލަސްތީނުގެ ހައްގު ހޯދުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ގައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސަފީރު ވިދާޅުވީ، ރާއްޖެއަކީ އަަބަދުވެސް ފަލަސްތީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ގައުމެއް ކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތައީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި މިއަދު އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ގައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށް ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްޠީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައި ކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށެވެ.

އަދި ފަލަސްތީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖެއިން ތައީދު ކުރާނީ ފަލަސްތީނަށް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުުރުން ރާއްޖެއާއި ފަލަސްތީނާއިދެެމެދު ވެވޭ އެއްބަސްވުމާއިއެކު މިގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން އެހީތެރިކަން ދެ ގައުމަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަޅުގަޑުމެނަށް މުހިންމީ ފަލަސްތީން ކިޔާ ނަމެއްނޫން ފަލަސްތީން ކިޔާ ބިމުގައި ވާ މަސްޖިދުލް އަޤުސާ އާއި އެތާ ވަށައިގެން ވާ ސަރަހައްދު ޤުދުސް ކިޔާ ސަރަހައްދު މަސްޖިދުލް އަޤުސާ އެއީ މުސްލިމުންގެ ޢަޤީދާ އާއި ގުޅިފައިވާ ތިންވަނަ ހަރަމް އެއީ ހުރިހާ މުސްލިމުންގެ ތަނެއް މިއަދު ޔަހޫދީން އެތަނަށް ވެރިވެގަނެގެން އެއުޅެނީ، އެތަން މިނިވަން ކުރަންޖެހޭ ! ދިވެހި ޒުވާނުން މިއަދު ދިވެހި ޤައުމާއި މެދު ވިސްނާލަން އެބަޖެހޭ !

    7
    1