އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 31 މީހަކު ޝަހީދުކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދު ހަމަލާތައް ބަދަލުތައް ކުރާތާ މިއަދަށް ވަނީ ތިން ދުވަސްވެފައެވެ. ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ބޮން އަޅަމުންދާއިރު، ރައްދުގައި އިސްލާމިކް ޖިހާދުގެ މުޖާހިދުން ވެސް ރޮކެޓު ހަމަލާތައް އިސްރާއީލަށް ދަނީ ފޮނުވަމުންނެވެ.

މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 20 ފިރިހެނުންނާއި ތިން އަންހެނުންނާއި ހަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ ދެ މީހުން ހިމެނެއެވެ.

އިސްރާއީލްގެ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން މިހަފްތާގެ ކުރީކޮޅުން ފެށިގެން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 31 މީހުން ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ޒަހަމްވެ، މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކެއް ހަލާކުކޮށްލާފައިވާ ކަމަށާއި، އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އިސްރާއީލު ސިފައިންގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހާއި އދ.ގެ އާންމު މަޖިލީހުގެ ކަމާ ގުޅޭ ގަރާރުތަކާއު ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، ސަރަހައްދުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާކަމަށްވެސް ބުނެފައި ވެއެވެ.

އަދި ސަރުކާރާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއިއެކީ ތިބިކަން ހާމަކުރަމުން ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ދައުލަތަށް މިނިވަންކަމާއި އިސްތިގުލާލު ހޯދުމަށް ކުރާ ޝަރުއީ އަދި އިންސާފުވެރި މަސައްކަތަށް ދިވެހި ސަރުކާރުން ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ފަލަސްތީނުގެ މަސައްކަތަށް ވަކާލާތު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައާ ގާތުން މަސައްކަތް ކުރުމަށް ރާއްޖެއިން އިން ސާބިތުކަމާއި އެކީ ތިބިކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.