ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރުގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބާތިލްކުރި މައްސަލަ، އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު އެވެ. ހަސަންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވާނީ އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ މައްސަލަތައް ރަނގަޅު ކުރުމަށް ފަހު، ފޯމު އަލުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އަމުރުކޮށް ދިނުމަށެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގަތް ކަމެއް އަދި ނޭނގެއެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ހުސައިން ނަސީރުގެ ކެންޑިޑަސީ ފޯމް ހުށަހެޅީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ނަމަވެސް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހަމަކުރަންޖެހޭ 1500 މީހުންގެ ތާއީދު ފޯމްތަކުގައި ސައްހަ ނޫން ފޯމްތަކެއް ހުުރުމުންނާއި ހުސެއިންގެ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުގެ އިތުރުން އޭނާގެ ރަނިންމޭޓަކަށް ހުށަހެޅުއްވި ޝައިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގެ ފުރިހަމަ ނުވާކަމަށް ބުނެ ހުސެއިންގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަނުން މިދިޔަ ހަފްތާގައި ބާތިލްކުރި އެވެ.

އެ ނިންމުމާ ގުޅިގެން އޭނާގެ ޓީމުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ، ފޯމް ބަލައިނުގަންނަން އީސީއިން ނިންމި ކަންތައްތަކުގެ ތެރޭގައި އެޓީމަށް ބަލައިނުގަނެވޭނެ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އަދި އެ މައްސަލަ ކޯޓުގައި ކުރިއަށްދިޔަ ނަމަވެސް އިންތިޚާބު ލަސްވާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވައިރު، އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.