އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިންތިޚާބަށް ކުރުމަތިލައްވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ރައްޔިތުންނަށް ވިދާޅުވެދޭންޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިނިްތިހާބަށްފަހު ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ގެންނާނެ ކަމަށް ބުނެފައިވަނީ އެމްޑީޕީގެ މެނިފެސްޓޯގައެވެ. އަދި އެ ކަމަކީ އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އަލުން ގެނައުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ގުޅިފައިވާ އިއްތިހާދެއްގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރު، ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ އަސާސްތަކެއް ހިމެނޭ މެނިފެސްޓޯއެއް ނެރެން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، އެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ ދޮޅު އަހަރުގެ ސަރުކާރެއްގެ ވާހަކައަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮޅު އަހަރުގެ ވެރިކަމަކަށް އިބޫ އެއްބަސްވެ ވަޑައިގަތީ ބައެއްގެ ކަސްތޮޅުގައި އެމަނިކުފާނު ބަދެވިފައިވާތީ ކަމަށެވެ.

"އިބޫގެ ތަޅުގަނޑި އޮތީ އެހެން ބައެއްގެ މުށު ތެރޭގައި. އެބަޔަކު ބުނާގޮތަށް ނޫނީ ފިޔަވަޅެއް އެޅުންވެސް މަނާ. މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ވެސް ނެތް،" އިބޫއަށް ފާޑުވިދާޅުވެ ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ، އެޅުވިފައިވާ ކަސްތޮޅުން ނެއްޓި އިބޫގެ މިނިވަންކަން ދައްކުވައިދޭން ޖެހޭ ކަމަށާއި ދޮޅު އަހަރުގެ ބަދަލުގައި ވެރިކަމަށް ކުރިމަތި ލެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ޕޯޑިއަމްގައި ރައްޔިތުންނަށް އިބޫ ވިދާޅުވެދޭންޖެހޭ ކަމަށެވެ.

"ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުންވަނީ އަމިއްލަފުޅަށް ކަންކަން ނިންމޭވަރުގެ ގާބިލް މިނިވަނެއް،" އިބޫއަށް އިޝާރާތް ކުރައްވާ ހަލީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ރައްޔިތުންނަށް ސާފުކޮށްދޭން ހަލީލް ގޮވާލައްވާފައިވާއިރު، ދޮޅު އަހަރުގެ ވެރިކަމެއް އިބޫ އަށް ނުހިންގެވޭނެ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ އިބޫއަށް ފާޑު ވިދާޅުވެފައެވެ.