މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިން ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނި ގޮތުގައި މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތުގެ %35 މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި ސައިޓްގައި މިހާރު ކުރިއަށް ދަނީ ހާބާ ފުން ކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 33،888 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6،254 އަކަ މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢުއަކީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.