އަތޮޅުވެރިކަން ކުރާ ރަށް މ. މުއްޔަށް ފަޅުތެރެއިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މ.ކޮޅުފުށި ކައުންސިލުން އެދިއްޖެއެވެ.

ކައުންސިލުން މިކަމަށް އެދުނީ ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ އެކުގައި އެ ރަށުގައި ބޭއްވި ބައްދަލުވުމުގައެވެ.

ކޮޅުފުށީ ކައުންސިލް އިދާރާގައި އޮތް ބައްދަލުވުން ފައްޓަވައި ދެއްވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި، ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރަށްރަށުގެ ތަރައްގީގައި އެރަށެއްގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެއްވުން ކަމަށެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ސަރުކާރުގެ ވަފުދަށް ކޮޅުފުށީގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮޅުފުށީ ކައުންސިލުން ވަނީ، އެއްފަހަރާ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކޮޅުފުށީގައި ހިންގަމުން އަންނަނީ މިސަރުކާރުންކަން ފާހަގަ ކުރައްވައި ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަސާސީ ޚިދުމަތްތައް ރަށުގައި ގާއިމް ކުރެވިފައިވާ ކަމަށާއި، 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަވަސް މުސްތަގްބަލެއްގައި ނިމިގެން ދިޔުމުން މިހާރު ހުރި ގިނަ ދަތިތައް ހައްލުވެގެންދާނެ ކަމުގައި ވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ މަގުތައް ހެދުމާއި، ބޯޅަދަނޑު ހެދުމާއި، އިޖުތިމާއީ މަރުކަޒު ހެދުން ހިމެނެއެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ، ކޮޅުފުށީގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކޮޅުފުށީގައި ސަރުކާރުން އަޅަން ފަށާފައިވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށް ގެންގޮސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން މ.ކޮޅުފުށްޓަށް ކުރެއްވި މިދަތުރުފުޅަކީ، އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޯތާ

    ވެރިކަމުގެ ހުރެކުރެވުނު އެންމެ މުހިއްމުކިމަކީ ރައްޔިތުން ބަޑަށް ޖެއްސުން ގައުމުއިންޑިއާއަށް ވިއްކާ ލުން ބަޖެޓް ދޮވެލުން

    14
    1
  2. އާ

    ބުރިޖު އަޅައިދެން ނޭދުނީ ކީއްވެތަ

    7
    1
  3. އަލިމުތް

    ތި ކަހަލަ ކަންކަމަކީ ރައީސްމީހާގެ ހެޔޮ ފުޅުކަމުން ވާ ކަންކަމަށް ވެއްޖިއްޔާ ތި ކައުންސިލްތަކާ އަތޮޅު ކައުންސިލް ތަކުގެ ބޭނުމަކީ ކޮބާތޯ؟ ލާރި ކެއުން އެކަނިތަ؟ ކޮބާތަ ލާމަރުކަޒީ އޭކިޔާ ދުވެ ނެގުމުގެ ބޭނުމެއް؟