މ. ކޮޅުފުށީގައި މި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން 3 މަޝްރޫއެއް ނިންމައި މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ކޮޅުފުށީގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ނިމުނު 3 މަޝްރޫއެއް އިފްތިތާހުކޮށްފައެވެ. އެގޮތުން އެރަށު މަދަރުސާ ތަރައްޤީ ކުރުމަާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއެވެ.

ފެނުގެ ނިޒާމަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މިއީ ރާއްޖޭގެ 34 ރަށެއްގައި މި ސަރުކާރުން ފެށި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ ތެރެއިން ނިންމި ފުރަތަމަ މަޝްރޫއު ވެސް މެއެވެ.

ކޮޅުފުށީގައި ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައި ދެއްވަނީ. ---

ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މިސަރުކާރުން ގާއިމުކުރި 8 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް މިއަދު ވަނީ ހުޅުވައި ދެއްވާފައެވެ.

އިތުރު ދައުރެއް ލިބިއްޖެނަމަ ކޮޅުފުއްޓަށް ރައީސް ވެދެއްވި ވައުދުތަކުގަތެރޭގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް ރަށުގައި ކުރިއަށްގެންދިޔުމާއި ރަށް ހިމާޔަތްކުރުމުގެ މަސައްކަތް އަދި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ހަދައިދިނުން ހިމެނެއެވެ. އަދި ހަމައެއާއެކު އެރަށު ރައްޔިތުންނަށް، ރަށް ކައިރިން ވަޒީފާ އަދާކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެ ރަށް ކައިރީގައި ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެފައެވެ.

ރައީސް ސޯލިހް ކެމްޕޭނަށް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގެންފައިވާއިރު، މ. ނާލާފުށި، މުލި، މުލަށް އަދި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.