އިދިކޮޅު ޕީޕީއެމް-ޕީއެންސީ ސަޕޯޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ރޭ ރައީސް ސޯލިހުގެ މޮޓޯ ކޭޑު ޕީޕީއެމް އޮފީހާއި ދިމާލުން ދާ މަންޒަރު ފެނުމާއި އެކީ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މަގު ބަންދުކޮށް، މަގު މެދުގައި އިށީނދެފައެވެ. އަދި ސަޕޯޓަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފައެވެ.

އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އަންނަނީ ރައީސްގެ ސެކިއުރިޓީ ބްރީޗް ވުމުގައި އިހުމާލުވީ ސިފައިންތޯ ނުވަތަ ފުލުހުންތޯއާއި ރައީސްގެ މޮޓޯކޭޑުގެ ރޫޓު ސޭފްތޯ ބެލިތޯއާއި ގަސްދުގައި ބަޔަކު މޮޓޯކޭޑަށް ހުރަސް އެޅިތޯ ބަލަމުންނެވެ. އަދި ސިފައިންނާއި ފުލުހުންނާ ވަކިވަކިން ވަނީ ބައްދަލުކޮށްފައެވެ.

ނަމަވެސް 241 ކޮމިޓީން މިބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކޮމެޓީން ބާއްވާ ހުރިހާ ބައްދަލުވުމެއްވެސް ސިއްރުކޮށްގެން ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސްގެ ސެކިއުރިޓީ ފެއިލްވެ، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ. އަދި އެމައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މިމީހުން މާދަމާ އަލިފާންރޯވެފައިހުރިތަނަކަށް ރައީސްގެ މޮޓޯކޭޑުވައްދާފަ އެ އަލިފާންގަޑުވެސް އަދިކުއްވެރިކުރާނެ