އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދަށް ތާވަލްކޮށްފައި އޮތް އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކުރީގެ އެޓާނީ ޖެނެރަލް އަދި ވަކީލެއް ކަމަށްވާ ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ވަކީލުން ތިއްބެވީ ތައްޔާރަށް ކަމަށެވެ.

ނަމަވެސް އެންމެ ފަހު ވަގުތުގައި މި މައްސަލަ ބައްލަވާ ފަޑިޔާރުގެ ހާލުކޮޅު ދެރަވެގެން މިއަދުގެ އަޑުއެހުން ކެންސަލްވީ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ އަޑުއެހުމުން މާދަމާއަށް ތާވަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ކޮންމެ ކަމަކެއް ކޮށްގެންވެސް މި މައްސަލަ ކުރިއަށް ގެންދިއުމަށް އަޒުމު އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅުގެން ތިން ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި މީހުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ ވަކި ކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު 61 އިންސައްތައިން ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި، ކުރީގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް މި އިންތިހާބުގައި ލިބިފައިވަނީ 39 އިންސައްތައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓް ވަނީ، ރަސްމީކޮށް އަރުވާފައެވެ.

އިންތިހާބުން ބަލިވުމާއި އެކީ ރައީސް ނަޝީދު ވަނީ އެ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ މޭރުމުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު