މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމާ އެކު، އެ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމިހުންނަވަން ނިންމަވައިފިއެވެ.

މައުސޫމް ދާދި ފަހުން ވަނީ ޖޭޕީގެ ވަޓްސްއެޕް ގްރޫޕްތަކުން ނުކުމެވަޑައިގެންފައެވެ. އަދި މީގެ ހަ ގަޑިއިރެއްހާ އިރު ކުރިން ރައީސް ސޯލިހާއި މައުސޫމް އެކުގައި ތިއްބެވި ފޮޓޯއެއް ފޭސްބުކް ކަވަ ފޮޓޯގައި ހިމަނުއްވައިފައެވެ. މިކަމާ ގުޅޭ ގޮތުން މައުސޫމް މީޑިއާގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެކަމަކު، މައުސޫމް ޖޭޕީން އަދި ވަކިވެވަޑައިގެންފައި ނުވާ ކަން އެނގިފައިވެއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނަކީ މައުސޫމްގެ އިތުރުން ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އޭގެ ކުރިއަށް ޖެހިލާ ނަމަ، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް އެއީ ޖޭޕީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާ އެކު، އޭނާ ވަނީ ޖޭޕީން އިސްތިއުފާ ދެއްވައިފައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ވެސް ޖޭޕީގެ ސްލޮޓްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު، އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ރައީސް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. ހެލްތު މިނިސްޓަރު ކަމުގައި ކުރިން ހުންނެވި އަބްދުﷲ އަމީނަކީ ވެސް ޖޭޕީގެ ސްލޮޓްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމުން އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭޕީގެ ސްލޮޓްތަކުގައި މިހާރު ތިއްބެވި ނަހުލާ އާއި ޑރ. ހުސެއިން ރަޝީދު އަދި ތިއްބެވީ ހިމޭނުންނެވެ. އެ ދެ ވަޒީރުންގެ ވަޒީފާއާ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ގާސިމާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި މައުސޫމް ފަހަކަށް އައިސް ޖޭޕީގެ ހަރަކާތްތަކުގައި ނޫޅުއްވައެވެ. އެންމެ ފަހުން ނިމުނު ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައި ވެސް އޭނާ ބައިވެރިވެވަޑައިނުގަންނަވައެވެ.

އޮގަސްޓް 31، 2020 ގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މައުސޫމް ވަނީ ކުރިން ސަން އައިލެންޑް ރިސޯޓުގެ މެނޭޖަރު ކަން ވެސް ކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި ގާސިމްގެ ފަރާތުން މައުސޫމަށް މީގެކުރިން ގިނަ އެހީތެރިކަމެއް ލިބިވަޑައިގެންފައިވެއެވެ.

ޖޭޕީން އިންތިހާބަށް ނުކުންނަން ނިންމުމާ ގުޅިގެން އެ ޕާޓީގައި ތިބި ސަރާކާރުގެ ބައެއް ބޭފުޅުން ވަނީ ޕާޓީ ދޫކުރައްވައި، ރައީސަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

އޭގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    މިއީ ޖަންގަލީ ޤާނޫނު. ޤާސިމް ގެ މުއްޕަތުން މަޤާމު ހޯދާފަ، ޤާސިމް ގެ މޫނަށް ކުޅު މިޖެހީ. މިއީ އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ކަންތައް ކޮށްގެން ވާނެ ގޮތެއް ނޫން. ޕާޓީ އިން ވަކި ވާނަމަ ޕާޓީ އިން ހޯދާދިން ސްލޮޓް ނުވަތަ މަޤާމުން ވަކިވާން ޖެހޭނެ. އެ ސްލޮޓަށް އެހެން މީހަކު-ލުމުގެ ފުރުސަތު އޮންނާނީ ޕާޓީއަށް. އިބޫ ގޮތް ހުސްވެއްޖެ! ދެން ގެއަށް ދޭ!

    7
    4
  2. ރެފްރީ

    ވަރަށްރަނގަޅުނިންމެވުމެއް.. މަރުހަބާ

    8
    17
  3. ޖާބިރު

    ވަޒީފާގެ ބިރަށް ތިޔަދަނީ ވަޒީފާގަ އުޅެލަން ދެން ލިބޭނީ 5 ވަރަކަށް މަސްދުވަސް

    24
    6
  4. ހުސޭނުބޭ

    އަޅުގަނޑު މިނިސްޓަރުކަމުން ވަކިނުކުރައްވާތި. އަޅުގަނޑުގެ ފުރިހަމަ ތާޢީދު އެބައޮތް އިގޭތޯ

  5. އހ

    ތީ ދެން އެންމެންނަށް ވެސް އިނގޭ ކަމެއް

    5
    1
  6. ކެލާ އާރިފް

    ތީހަމަ އެންމެ މީހެއް، ތީނަގެ ފަހަތުގަ އެކަކުވެސްނެތް، ޓޫރިޒަމް ދާއިރާގެ ހުރިހާ މުއައްޒަފުންތިބީ މައުސޫމާ ދެކޮޅައް ވޯޓްދޭން ތައްޔާރަށް، 50އަހަރުވީއިރު މައައްޒަފުންނަށް ލިބުނުއެއްވެސް ކުރިއެރުމެއްނެތް، ބޭރުމީހުން ބޮޑެތި މަޤާމްތަކުގަ ތިބެގެން ބޮޑުމުސާރަތައް ނަގައި ޤައުމައްފިނުވަމުންއެދަނީ، ޑޮލަރުގެ ތާށިކަން އަންނަ އެއްސަބަބުމިއީ، ދިވެހި މުއައްޒަފުންނަށްމިޖެހެނީ ބޭރުމިޙުންގެ އަޅުންގެ ގޮތުގަ މަސައްކަތްކުރަން، މައުސޫމްހުރީ ވިޔަފާރިވެރުންގެ އަތްދަށުވެ ނަގޫފިތިފަ، މުއައްޒަފުންގެ ދިފާއުގަ ބަހެއްބުނެލަން ނުކެރިފަ

    7
    3
  7. މަރޭ

    ގަާސިމުގެ ސަބަބުން ތަންތަނުގެ މެނޭޖަރު ކަމާ،މިނިސްޓަރު ކަން ލިބުނު ނަމަ އަހަރެން ނަކަށް އެމަގާމު ތަކުގެ ފައިދާ އެފަރާތުގެ އިދިކޮޅު ބަޔަކާ އެކު ނަގާން ނުކެރޭނެ. އެއީ އަހަރެންގެ ތައުލީމީފެން ވަރު ހުރިމިން ވަރު

    4
    1
  8. ޖަވާދު

    ކާންދޭ މީހާގެ އަތުގައި ދަތް އެޅުމާއި ފެން އޮތް ތާކަށް މަސްދާނެ ވާހަކަ އެއީ މުސްކުޅި ހަރުބަސް! އެއީ ހަމަ ތެދު

    7
    1
  9. އަހްމަދު

    ކޮންމެ މީހަކު ވެސް ވަޒީފާ ބޭނުންވާނެ! އަބަދަކު ތިވަޒީފާގައި އެއް ނުހުރެވޭނެ!

    6
    1
  10. ކޮއްޔާ

    ސިޔާސީ ދާއިރާގަ އުޅެނީ ސިޔާސަތެއް ‘ ފިކުރެއް ‘ ވިސްނުމެއް ނެތް އަމިއްލަ އެދުމުަށް އުޅޭ މީހުން //
    ތިމާގެ ޖީބު ބޮޑުކުރަން ވަރަށް ދަންނާނެ މި މީހުން //

  11. ޑައެލޯގް

    ހުރިހައި ޚިޔާނަތްތެރިންނާއި ކާންދޭއަތުގައި ދަތްއަޅާމީހުނާއި ވަގުންނާއީ ކޯޓުތަކަށް ފިލަންދާމީހުން އެއްކުރަން މިހާރު އިބޫ އެހެރީ އަތުކުރިއޮޅާލާފައެވެ.

    1
    1
  12. ޜާއްޖެމީހާ

    ޜަނގަޅު ނިންމުމެއް...

  13. އަހުމަދު ރ

    މަރުޙަބާ ޑރ. މައުސޫމް. ރަނގަލު ނިންމުމެއް