ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ލާ ދުވަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕީޕީއެމްގެ ލަޝްކަރުން ނުކުމެ ރާއްޖޭގައި އިސްތިއުމާރީ ފިކުރު އަބަދަށްޓަކާ ފޮހެލާނެ ދުވަސް ކަމަށް، ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ދައްކާލުމަށް މިއަދު ހަވީރު ފުވައްމުލައް ސިޓީގައި ބޭއްވި ސައިކަލު ބުރަށްފަހު ޕީޕީއެމްގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ޕީޕީއެމްއަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ ޕާޓީ ކަމަށެވެ. އަދި ޕީޕީއެމްގެ ލަޝްކަރަކީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފެންނާނެ ލަޝްކަރު ކަމަށާއި އެޕާޓީގެ ސަފުތައް އެކުވެރިކަމާއި ބަދަހިކަމާއެކު އޮތްހާ ހިނދަކު އެއްވެސް ބަޔަކަށް ޕީޕީއެމް ބައްޔެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިއިން ދޭހަކޮށްދެނީ މާތްﷲގެ އިރާދަފުޅާއެކު 23 ސެޕްޓެމްބަރުގަައި އޮންނަ ރިޔާސީ އިންތިހާބަކީ އެއީ މިގައުމުގައި އިސްތިއުމާރީ ފިކުރު އަބަދަށްޓަކާ ދިވެހި ރައްޔިތުން ފޮހެލާނެ ދުވަސް،" ގިނަ އަދަދެއްގެ ޕީޕީއެމްގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވޭނީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިގެން ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ވެސް ޝަހީމް ވަނީ މިއަދު ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ކަންކޮޅުތަކުން ފެންނަ މަންޒަރުން އިންތިހާބުގެ އަގްލަބިއްޔަތުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަން ވަރަށް ސާފު ކަމަށެވެ.

އަދި އިންތިހާބުގެ ދުވަހާ ޖެހެންދެން ރައީސް ޔާމީން އިންތިހާބު ކުރުމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން، ހިތްވަރާއި އަޒުމުގައި މަސައްކަތް ކުރެއްވުމަށް ޝަހީމް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ގޮވާލެއްވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޝަހީމް ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެރަށުގެ އެކި އަވަށްތަކަށް ވަޑައިގެން އެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީނަށް ތާއީދު އިތުރު ކުރެއްވުމަށް ވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ.

އަދި ފުވައްމުލައް ސިޓީއަށް ޑރ. ޝަހީމް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު ކެމްޕެއިން ދަތުރެއްގައި މާދަމާގެ ވަގުތެއްގައި ގދ. ތިނަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަދާ

    ސާބަސް ޝަހީމް ވ އުފާވެއްޖެ

  2. ކަނބިލި

    ސަލާހުއްދީނުލްއައްޔޫބުހެދުނަސް 28 % ފުވައްމުލަކުން .. ތިނަދޫއިން 29 % . އައްޑޫސިޓީއިން 27 % .. ދެން ކުޅުދުއްފުށިން 31 % .. މިވަރުންފުއްދާލާ ..

    • އާދަނު

      އެކަން އެނގުނު މިއަދު ފުވައްމުލަކުގައި އޮތް ސައިކަލް ބުރުންވެސް ފެނުނު.

  3. ޙަފްޞާ / މާލެ

    ސުބުޙާނަﷲ! ﷲ އަކްބަރު ! ހާދަ އުފާވެރި މަންޒަރެކޭ! ކީރިތި ﷲ މި ދިވެހި އުއްމަތް އިޞްލާޙްވުމަށްފަހު ފަސާދަަށް ފުރުޞަތު ނުދެއްވާށިއެެވެ! އެމްޑީޕީ ނަމަކަށް ކިޔުނު ބައިގަނޑު މި ޤަވްމު ފަސަދަކޮށްފައި އޮއްވައި ﷲގެ ނިޢުމަތް ދިވެހި އުއްމަތަށް އިޞްލާހްވެ ހަމަމަގަށް އެޅިއްޖެ! މި އިޞްލާޙް ރައީސް ޔާމީން އަދި ޑޮކްޓަރ ޝަހީމުގެ ޤިޔާދަތުގެދަށުގައި ދިގުދަންމަވާށިއެވެ. އާމީން

  4. ރަޙީމާ ޢަބްދުﷲ / ފުވައްމުލައް

    ކަނބިލި ވިއްޔާ އެއްލޯ އަވަރުވާނެ! އެއްކަންފަތް ބީރުވާނެ ! ނޭފަތުގެ އެއްހޮރު ނަސްއަރާވާނީ ބެދިފަ! ޙާއްޤުގެ ލޮލަށް ނުފެނި ، ޙައޤުގެ ކަންފަތަށް ނީވި ، ޙައްޤުގެ ސިކުޑިޔަށް ނުވިސްނޭނެ! ބަލަން ހުރޭ ކަލޭ އިންޝާއަﷲ ފުވައްމުލަކުން 70 ޕަސެންޓް ، އައްޑޫއިން 70 ޕަސެންޓް ، ތިނަދޫއިން 75 ޕަސެންޓް ، ކުޅުދުއްފުިން 65 ނަގާ ރައީސް ޔާމީން އިންތިޚާބުކުރާތަން!

  5. ރީނދޫ

    2018 ޔާމީން
    ޝަހީމް

  6. މުޙައްމަދު

    2008 ގަ ވެރިކަން ލިބުމުން ވެސް ތަރައްގީ ކުރި. ގައުމުގަ ހުރި ހުރިހާ ހަރުމުދާ އިންޑިއާ އަށް ވިއްކާލީ. ގައުމީ އެއާރލައިން ބަގުރޫޓު ކޮއްފަ ގެނައި މެގަ މޯލްޑިވްސް. ދެން ލިބިއްޖެއްޔާ މި ގައުމު އަޅުވެތި ކޮއްފަ އަހުރުމެން ތިބެން ޖެހޭނީ އަޅުން ގެ ގޮތުގަ

  7. ބަފާބެ

    އިންޑިޔާގެ ނުފޫޒުން އިސްތިއުމާރުން މިގައުމު ސަލާމަތްކުރެވޭނީ ހަމަ އެކަނި ޔާމީނަށް!

  8. އަހުން

    ސާބަހޭ ރައީސްޔާމީން ޝަހީމް ތި މަންޒަރު ފެނި ވަރަށް އުފާވެއްޖެ ﷲ ގެ ރަހުމަތުން ލާދީނީ ފިކުރު ނެތިގެންދާ މަންޒަރު މިހިރަ ދަނީ ފެންނަމުން ޔާﷲ އެމްޑީޕީގެ ފިކުރު މިގައުމުން ނެތި ކުރައްވާ ފާންދޭވެ . އާމީން.

  9. އަލީ

    ސާބަހެ ޝަހީމް.

  10. ރައްޔިތުން

    ތިޔަކަމުން ޝަހީމްއަށް ކުރިމަތިވެދާނެ ހުރިހާ މޮޅަކަށާއި އަދި ހަމަ އެވަރަށް ކުރިމަތިލާފާނެ ހުރިހާ ދެރައަކަށް ވިސްނައިގެން ޔާމީންގެ ލަޝްކަރާއެކު މަސައްކަތް ކުރުމުގައި ޝަހީމް ހުންނެވުމަށް ހަނދުމަކޮށްދެން