ނ.ޅޮހިން ފުރައިގެން ޒުވާނަކު ދަތުރު ކުރި ދޯންޏެއް އޭނާ އާއި އެކު ގެއްލިފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ކުރަމުން ގެންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ޚަބަރެއް ނުވެގެން އުޅޭ ދޯންޏާއި މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސީޕްލޭންގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ދެލޯންޗެއް ކަނޑުމަގުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ރޭ 22:30 ހާއިރު ޅޮހިން ފުރި މިދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށް ވެސް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.