ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތަކެއް ހިންގަމުން ދާއިރު އެކިފަރާތްތަކުން މިފަދަ ހަރަކާތްތައް ފުލުހުންނަށް ހާއްސަކޮށްގެންނާއި ފުލުހުންގެ މަރުކަޒުތަކަށް ގޮސް ހިންގަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށާއި އެކަން އެގޮތައް ކޮށްގެން ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން އެކިފަރާތްތަކުން ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ ހަރަކާތްތައް ހިންގުމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށެވެ.

"މިފަދަ ހަރަކާތްތަކެއް ސީދާ ފުލުހުންނަށް ހާއްސަކޮށްގެން އެއްވެސް ފަރާތަކުން ނުހިންގުމަށާއި މިފަދަ ހަރަކާތްތައް ހިންގާ ފަރާތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ މަރުކަޒުތަކަށް ގޮސް އެކި ފަރާތްތަކުން ކެމްޕޭން ހިންގަމުން ގެންދާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އިންތިޚާބު ކައިރިވެގެން އަންނައިރު އެހެން ފަހަރުތަކެކޭ އެއްގޮތައް މިފަހަރު ވެސް ފުލުހުން ވެފައި ވަނީ ކެމްޕޭންގެ ވަރަށް ބޮޑު އަމާޒަކަށެވެ. ފުލުހުންނަށް ސަރުކާރުން އަޅައިދެމުން އަންނަ ފްލެޓްތައް އަހަރެއް ތެރޭގައި ހަވާލު ކުރާނަން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބޫ ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އިބޫގެ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ފްލެޓްތަކުގެ ވާހަކަ ދެއްކުމަށް ވުރެ 2012 ވަނަ އަހަރު ފެބްރުއަރީ 07 ވަނަ ދުވަހު އެމްޑީޕީ އިން ފުލުހުންނަށް ދިން ގެއްލުމުގެ ބަދަލު ދިނުން މާރަނގަޅު ވާނެއެވެ.

ފުލުހުންނަށް ހާއްސަކޮށްގެން ސަރުކާރުން އަޅަމުން ގެންދާ ފްލެޓްތައް މިއަހަރުގެ ޑިސެމްބަރ 31 އަށް ނިންމާނެ ކަމުގެ ޔަގީންކަން ކޮންޓެކްޓަރު ވަނީ ދެއްވާފައެވެ.