މި އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީން ނަގާފައިވާ ފިތުރު ޒަކާތް މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ، ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން ބަލައިގަނެފައިވާ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ އަދި އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.

ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައި ވަނީ މަޖީދިއްޔާ ސްކޫލުގެ ޞަލާހުއްދީން ހޯލްގައި ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ކަމަށެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަލާލާއިރު، ބުދަ ދުވަހު މެންދުރު 1:00 އިން 3:15 އަށް، ހަވީރު 4:00 އިން 5:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ޒަކާތް ބެހުމަށް ހަމަޖެހިފައިވެއެވެ. އަދި ބުރާސްފަތި ދުވަހުގައި ހެނދުނު 10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ޒަކާތް ބެހުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކުރިއެކޭވެސް އެއްފަދައިން މި ރޯދަމަހުވެސް ގޮވާމުން ޒަކާތް ބަލައިގަނެފައެވެ.

މިނިސްޓްރީން މި ރޯދަމަހު އަންނަނީ މާލޭގެ އިސްލާމީ މަރުކަޒުންނާއި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާ އިން ވެސް ޒަކާތް ބަލައިގަންނަމުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައި ދީފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.