މެދުރާއްޖެ ތެރެއާއި އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އަނެއްކާވެސް ވައިޓް އެލާޓް ނެރެފިއެވެ.

ދެންމެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރުއްވާފައި ވަނީ ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ ފަތިހު 04:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިރޭ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން އަދި އަދި އެހެންހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ޢާންމުކޮށް ހުރިހާ ފަރާތްތަކުން އަދި ޙާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.