ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުން ސަލާމަތްވުމަށް ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަންތައް ކުރެއްވީ ވަރަށް ވިސްނުންތެރި ކަމާއެކުގައި ކަމަށާއި އެދުވަހު ވެރިކަމުގައި އެންޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް ހުންނެވި ނަމަ ވެރިކަން ދޫކޮށް ފިއްލަވާނެ ކަމަށް ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ އެމަނިކުފާނު އެ ދާއިރާއަކަށް ނިސްބަތްވާ ލ.ފޮނަދޫގައި ޖަގަހައެއް ހުޅުއްވާ ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ރައީސުލް ޖުމްހުރިއްޔާގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ އެއް ވަނަ ދުވަހު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވާ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށާއި އެކި ސިޔާސީ ދައުވާ އުފުލައި ޖަލު ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމު ކޯޓުން ކުރި އަމުރާއި ގުޅިގެން އޭރު ޕީޕީއެމްގެ އިސް ބޭފުޅުންވެސް ތިއްބެވީ ވަރަށް ބިރުފުޅު ގަނެފައި ކަމަށާއި ނަމަވެސް އެވަގުުތުވެސް ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ޖައްސަވާ ކޮންމެ ގޮށެއް ނައްޓަވާނެ ކަމަށެވެ.

"އަމުރު ނެރުނުތާ ތިން މިނެޓް ތެރޭގައި ރައީސް އަޅުގަނޑަށް ގުޅުއްވާ ވިދާޅުވީ އެއްގޮތަކަށްވެސް ކަންބޮޑު ނުވާށޭ. އެމީހުން އެޖަހާ ކޮންމެ މަޅިއަކުން އަޅުގަނޑުމެން ނެއްޓޭނަމޭ. އަޅުގަނޑުމެން ޤައުމާއި ޤައުމުގެ ރައްޔިތުންނާއި އެކީ ސަލާމަތްވާނަމޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެދުވަހު ވެރިކަމުގައި އެންޑީޕީގެ ރިޔާސީ ކެންޑީޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް ހުންނެވި ނަމަ "ފުންމާލައިގެން ރައްކާވާނެ ކަން" އެމަނިކުފާނު ޔަޤީން ކުރައްވާ ކަމަށެވެ. އަދި މިކަމުގެ ހެކި 2012 ވަނަ އަހަރު ފެބްރުއަރީ މަހު 7 ވަނަ ދުވަހު ފެންނަން އޮތް ކަމަށާއި "އޭރު ވެރިކަމުގައި ހުރީ އިބޫއަށްވުރެ މާ ވަރުގަދަ ބަސް ބުނާ މީހެއް" ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދުވެސް "ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އިސްތިޢުފާ ދީފަ ފުރައިގެން" ދިޔައީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހަކީ މިހާތަނަށް މިޤައުމުގެ ތާރީޚަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ދުވަސް ކަމަށް ސިފަކޮށް އަދުރޭ ވިދާޅުވީ އެޔަށްވުރެ ނުރައްކާތެރި ދުވަހެއް ބޮޑުތަކުރުފާނުގެ ދުވަސް ވަރަކުވެސް، ދޮން ބަންޑާރައިންގެ ދުވަސްވަރުގައިވެސް މިހާ ނުރައްކާތެރި ދުވަހެއް އައިސްފައިނުވާ ކަމަށެވެ. އަދި މިއީ ބިރުވެރި ދުވަހަކަށްވަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ޝަރުޢީ ދާއިރާއިން ބަޣާވާތެއް ގެނެސްފައިނުވާތީ ކަމަށާއި ރާއްޖޭގައި އެކަން ކުރަން އުޅުމުން ކަމަށްއަދުރޭ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮންގޯ

    ތީތެދެއް! ޔާމީންނޫން ކޮންމެމީހަކު ހުރި ނަމަވެސް އިސްތިއުފާ ދޭނެ! އާއިލާއެއްކޮށް ކިޑްނެޕްކުރީމަ އިސްތިއުފާ އެހެންމީހުން ދޭނެ، އެކަމަކު އަމިއްލަ ލެޔަށް ކުލުނެއް ނެތްމީހަކު ވެރިކަމާ ބަގުޑިބައްދާނެ އާއިލާ ޤުރުބާން ކޮށްފަވެސް!

  2. Anonymous

    އަދުރޭ ބުންޏަސް ހަގީގަތެއްނަމަ ވާނީ ހަގީގަތަކަށް، ފެބުރުއަރީ 1ގަ ބަޔަކު ކުރިމަތިކުރި އުދުވާންން ގައުމަށްއަމާންކަން ލިބޭގޮތަށް ގައުމާއި ސަރުކާރު ސަލާމަތްވީ ގައުމުގެ ހުންގާނުގާ ހިިފަހައްޓައިގެންހުރީ ކަނޑުފަރު ރަނގަޅަށްއިނގޭ ޙިކުމަތްތެރި ކައްޕިއަކު ކަމަށްވާތީ، އެމްޑީޕީގެ އަންނީ/ އިބޫމެން ކަހަލަ ފިނޑި ސޮރެއްނަމަ އޮބިނޯވެގެން ހުންގާނު ދޫކޮށްލީމަ އޮޑި ފަރަށްއަރާ ޢަރަގުވާނީ، ހަޖަމުނުވާ މީހުން ބުނާހެން ކައްޕިއަކު ވާންޖެހޭނެ ރައީސު ޔާމީން ފަދަ ވެރިކަމުގާ ބަގުޑިބެއްދައިގެންފަދަ ވެރިކަމަށް ދަހިވެތިވެފައިވާ ބޭކަލަކަށްވެސް،