ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު، އުމުރުން ދުވަސްވީ އަންހެން މީހާގެ މަރު މައްސަލައާއި ގުޅިގެން ފިންގާ ޕްރިންޓާއި ޑީއެންއޭ ނެގުމުގައި ފުލުހުންނަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ކައުންސިލުން އެދިއްޖެއެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު "ވަގުތަށް" މިއަދު ވިދާޅުވީ ފުލުހުން ޑީއެންއޭއާއި ފިންގާޕްރިންޓް ނަގަމުން ދަނީ ތަހުގީގަށް ކަމަށާއި އެކި އުމުރުފުރާތަކަށް ބަހާލައިގެން ސުންކުތައް ނަގަމުންގެންދާ ކަމަށެވެ.

ފުލުހުންގެ އެ މަސައްކަތައް އެއްބާރުލުން ދިނުމަށް ކައުންސިލްގެ ފަރާތުން އެދުނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް ވެސް ސަބީހު ވިދާޅުވި އެވެ.

މީގެ ކުރިން ވާހަކަދައްކަވަމުން ސަބީހު ވިދާޅުވީ ކައުންސިލްގެ ކަންބޮޑުވުމަކީ އާންމު ރައްޔިތުންނަށް އޮންނަ ބިރުވެރިކަން އިތުރަށް ބޮޑުވެ، ނަފްސާނީ ގޮތުން ގެއްލުންވަމުންދާތީ ކަމަށެވެ.

މި މައްސަލަ ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މައްސަލަ ބަލަމުންދަނީ ފުލުހުން ކަމަށާއި އެ ފަރާތްތަކަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. ނަމަވެސް މައްސަލަ ދިގުލާދާކަމުގައިވާ ނަމަ މުޖްތަމައު ތެރޭގައި އޮންނަ ބިރުވެރިކަން އިތުރުވެގެން ދިއުމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށް ވިދާޅުވިއެވެ.

ސަބީހު ވިދާޅުވީ ފުލުހުންގެ ވިކްޓިން ސަޕޯޓާއި ޖެންޑާ މިނިސްޓްރީ އާއި ކައުންސިލުން ގުޅިގެން މަނަދޫގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ނަފްސާނީ އެހީތެރިކަން ބޭނުންވާ 50 އަށްވުރެ ގިނަ ރައްޔިތުން ފާހަގަވެފައިވާ ކަމަށެވެ.

ނައީމާ މަރާލާފައި އޮއްވާ ފެނުތާ ތިން ހަފްތާ ވެފައިވާއިރު ފުލުހުންގެ ފަރާތުން މާބޮޑު މައުލޫމާތެއް ނުލިބެއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާގެ ގާތިލު ހޯދުމަށް ފުލުހުން ކަނޑަނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނައީމާ އަކީ ރަށު ތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ، ޑިއުޓީއަށް ނުނިކުމެ ދެ ދުވަސްވުމުން ބެލުމުންނެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން "ވަގުތު" އަށް ބުނީ، ނައީމާ މަރާލާފައި އޮތްއިރު، އޭނާގެ ކަރު ބުރި ކުރަން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި އޭނާގެ ބޮލަށް ވެސް ވަޅި ޖަހާފައިވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެމީހުން ބުނީ، ނައީމާ ފެނުނުއިރު، އޭނާ އޮތީ އެކަނި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތަޅުންގަނޑު މަތީ ބަންޑުން ކަމަށާއި އެތަނުގައި ގިނަ އަދަދަކަށް ލޭހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅިޖަހާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވެސް ވިއެވެ.

އޭނާގެ ހަށިގަނޑު ވަނީ ޖެހިގެން އައި ދުވަހު ޕޯސްޓްމޯޓަމް ނަހަދައި ވަޅުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ރީޒަނަބަލް ސަސްޕިޝަން އޮފް އަ ކްރައިމް ވަކި ފަރުދަކާއި މެދު ނެތް ހާލަތެެއްގައި، ވަކި ފަރުދެއްގެ ހުއްދަނެތި ފިންގަރ ޕްރިންޓް އަދި ޑީއެންއޭ ނުނެގޭނެ. ފުލުހުންގެ ގާނޫނުގައި މިކަން ވަރަށް ސާފު. އެއްބާރުލުން ނުދިނަސް ކުރެވޭނެ ކަމެއް ނޯންނާނެ. ފުލުހުންގެ ވަޒީފާ އަދާ ކުރަން ޖެހޭނީ ރައްޔިތުންނެއް ނޫން. ރައްޔިތުންނަށް ގާނޫނު ލާޒިމެއް ނުކުރޭ ފުލުހުންގެ އިންވެސްޓިގޭޝަން ތެރެއަށް ވަނުމަށް. އަދި ފުލުހުންނަށް ލިބިދީފައިވާ ބާރުގެތެރެއިން ރީޒަނަބަލް ސަސްޕިޝަން ވަކި ފަރުދަކާއި މެދު ނެތި ހެކި ނެތިގެން ގޮތް ހުސްވީމަ ދިވެހި އެންމެހައި ރައްޔިތުންގެ ޑީއެންއޭ ޗެކެއްނުކުރެވޭނެ. ތިޔަ ރަށު ކައުންސިލުން ވަރަށް ނާތަހުޒީބު. ފާޅުގައި ރަށު ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަންނަނީ ތަންދޮރު ނޭނގިތިބެ. އިންވެސްޓިގޭޓް ކުރުމަކީ ފުލުހުންގެ ޒިންމާއެއް އެކަނި. އެއީ މުޅި ރައްޔިތުންނަށް ކުރަން ލާޒިމްކަމެއްނޫން.