މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ނ. މަނަދޫގައި މިރޭ ވަރަށް ފޯރިގަދަ ޝޯއެއް ބާއްވަން ނިންމައިފިއެވެ.

"އެކުވެރި ސަގާފީ އީދު 1444"ގެ ނަމުގައި ބާއްވާ އެ ޝޯ އިންތިޒާމް ކުރަނީ މަނަދޫ އެކުވެރި ކްލަބުންނެވެ. އެ ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 އިން 12:00 އަށެވެ.

ޝޯގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް ތަރިން ފެންނާނެއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އާއި ފާތިމަތު ފަރީލާ އާއި ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް ހިމެނެއެވެ.

އެ ޝޯއިން ގިނަ ޑާންސްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެން ދާނެ ކަމަށް މަނަދޫ އެކުވެރި ކްލަބުން ބުނެއެެވެ. އެ ތަރިން މަނަދޫގައި ޝޯ ދޭނީ މިރޭ އެކަންޏެވެ.

އީދާ ގުޅިގެން މަނަދޫއަށް މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ވަނީ އެ ރަށަށް ގޮސްފައެވެ.

މަނަދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވަރަށް ފޯރިއާއެކު އީދު ފާހަގަ ކުރަމުންނެވެ.