ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމަށް ނިންމައި އެކަމުގެ އުސޫލެއް އާއްމު ކޮށްފިއެވެ.

ގެޒެޓް ކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި މިއީ ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމަށް ހެދި އުސޫލެކެވެ.

މިއުސޫލަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ. ނަމަވެސް މިއުސޫލުގެ ދަށުން 2023 ޖެނުއަރީ 01 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް ވެސް ހަދިޔާ ދޭނެއެވެ.

އުސޫލުގައި ބުނެފައި ވަނީ މިއުޞޫލްގެ ދަށުން ދިނުމަށް ހަމަޖެހިފައވެެ. ހަދިޔާ ވަށީގައި ހުންނާނީ 700-1000 ދިވެހި ރުފިޔާ އާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދީންނަށް ބޭނުން ކުރެވޭ ޒާތުގެ ތަކެއްޗެވެ.

ހަދިޔާ ލިބޭނީ އުފަންވާ ކުދީންގެ ތެރެއިން ރަށުގައި ރަޖިސްޓްރީ ކުރާ ކޮންމެ ކުއްޖަކަށެވެ. ރަށުގައި ވިހޭނަމަވެސް ރަށުގައި ރަޖިސްޓްރީ ނުކުރާނަމަ މިއުޞޫލުގެ ދަށުން ހަދިޔާއެއް ނުލިބޭނެވެ.އެހެން ރަށަކަށް ރަޖިސްޓްރީކޮށް އަލުން ރަށަށް ރަޖިސްޓްރީ ކުރާ ކުދީންގެ ތެރެއިން މިހަދިޔާ ވަށި ލިބޭނީ އުމުރުން 1 އަހަރުން ދަށުގެ ކުދީންނަށެވެ.

ހަދިޔާ ވަށި ހަވާލު ކުރެވޭނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް އަދި އުފަން ދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި އެކުއްޖާ ރަށުގެ ރައްވެއްސެއްގެގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނުމުން ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ހަދިޔާ ވަށި ލިބޭ ފަރާތަކީ ރަށުން ބޭރުގައި ދިރިއުޅޭފަރާތެއްނަމަ ބަދަލުގައި ބެލެނެވެރިޔާ ހުށަހަޅާ ފަރާތަކަށް ހަދިޔާ ވަށި ހަވާލު ކުރެވޭނެއެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ފަސް އަހަރު ވާން ކައިރިވެފައި ވާއިރު އަދި އެވައުދު ނުފުއްދެކެވެ.