ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު، އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި 423 ބަލި މީހުން އުފުލި އިރު، މި އަހަރު އެކަނި ވެސް 35 މީހަކު އުފުލި ކަން "ވަގުތަށް" ލިބިފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ގެއްލިގެން އުޅޭ މީހުން ހޯދުމަށް އޮޕަރޭޝަންތައް ހިންގުމަށާއި ހާލު ބޮޑު ބަލި މީހުން އުފުލުމަށް އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭނުން ކުރެއެވެ. އެގޮތުން ޑޯނިއާ މަތިންދާ ބޯޓު އޮންނަނީ ހދ. ހަނިމާދޫގައެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ލ. ކައްދޫގައި އޮންނަ އިރު، އަނެއް ހެލިކޮޕްޓަރު އޮންނަނީ އައްޑޫ ސިޓީގައެވެ.

"ވަގުތަށް" ލިބިފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް 30 ގެ ނިޔަލަށް 35 މީހަކު، ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި އުފުލާފައިވެއެވެ. އެކި ހާދިސާތަކާ ގުޅިގެން "ސާޗް މިޝަންތަކަށް" ހަތަރު ފަހަރެއްގެ މަތިން ވައިގެ އުޅަނދުތައް ވަނީ ބޭނުންކޮށްފައެވެ. އަދި ސަވައިލަންސް އޮޕަރޭޝަންގެ ގޮތުގައި 74 އޮޕަރޭޝަނެއް މި އަހަރުގެ މިހާތަނަށް އެމްއެންޑީއެފް އިން ހިންގާފައިވެއެވެ.

މިއާއެކު، 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 423 ބަލި މީހުން އުފުލާފައިވެއެވެ. ސަވަލައިންސް 226 އޮޕަރޭޝަނެއް ހިންގި އިރު، ސާޗް މިޝަންތަކަށް 47 ފަހަރެއްގެ މަތިން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު 82 ބަލި މީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުތަކުގައި އުފުލާފައިވެއެވެ. އަދި އެ އަހަރު ހިނގި އެކި ހާދިސާތަކާ ގުޅިގެން "ސާޗް މިޝަންތަކަށް" ނުވަ ފަހަރެއްގެ މަތިން ވައިގެ އުޅަނދުތައް ވަނީ ބޭނުންކޮށްފައެވެ.

އޭގެ ފަހުން 2020 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އަހަރު 57 ބަލި މީހަކު އުފުލުމަށް ވައިގެ އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. އަދި ހަތް ސާޗް މިޝަނާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް 41 ފަހަރު ވައިގެ އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. ކޮވިޑް ޓީމުތައް ދަތުރުކުރުމަށް 24 ފަހަރު އެ އުޅަނދުތައް ބޭނުންކުރިއެވެ.

ޖެހިގެން އައި 2021 ވަނަ އަހަރު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި 109 ބަލި މީހަކު އުފުލާފައިވެއެވެ. އަދި 101 ފަހަރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސަވައިލަންސް އޮޕަރޭޝަންތައް ހިންގި އިރު، އެކިއެކި ހާދިސާތަކާ ގުޅިގެން 12 ސާޗް މިޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފަސް ފަހަރެއްގެ މަތިން ކޮވިޑް އެހީތެރިންގެ ޓީމުތައް ދަތުރު ކުރުމަށް އެ އުޅަނދުތައް ވަނީ ބޭނުންކޮށްފައެވެ.

މިދިޔަ އަހަރު 140 ބަލި މީހަކު އުފުލާފައިވާ އިރު، ސަވައިލަންސްގެ 74 އޮޕަރޭޝަން ހިންގިއެވެ. އަދި އެކިއެކި ހާދިސާތަކާ ގުޅިގެން 15 ސާޗް މިޝަން ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދަދު ދިމާނުވޭ

    އަހަރަކު 105 މީހުން. އެވްރެޖްކޮށް މަހަކު 8 މީހުން. ތިޔައީ ހުސް ދޮގު. ތިޔަ ހެލިކޮޕްޓަރު ވެސް އަދި ޑޯނިއާ މެޑިކަލް އިވަކުއޭޝަންގެ އެއްވެސް ދަތުރު ނޯންނަ ދުވަސްތައް ގިނަ އިރު ތި އަދަދު އައި ގޮތަކީ ކޮބާ؟ ހެލި ކޮޕްޓަރު ވެސް އަދި ޑޯނިއާ ވެސް މިހާތަނަށް ދުވާލަކު ދެ ދަތުރު ކުރި ކަމަށް އެމްއެންޑީއެފް ކުރި ޓްވީޓްތަކުން ދައްކާފަ ނެތް. ދެން ކޮންހާ ދޮގެއް ހަދާކަށް.

  2. ޙަފޯ

    ވަޓް ދަ ހެލްކޮޕްޓަރާއި، ޑޯނިއާއި، ކޯސްޓްގާރޑް ޝިޕް ބަލަހައްޓަން -/200 އަށްވުރެ ގިނަ އިންޑިޔާ ސިފައިން ތިބި ވާހަކަވެސް ޖަހާލިނަމަ. ދިވެހިންގެ ރެސްކިއުކަންތައް ކުރާހާ ފޯރުންތެރިކަން ދިވެހިންގެ ނެތީކީނޫން ވިއްޔާ. ޢިންޑިޔާ މިލްޓަރީ އައުޓް

  3. ޑައެލޯގް

    ބޯޓުތަކުގައި އެމް.އެން.ޑީއެފް ޖެއްސަސް އެހިންގަނީ އަދި ދުއްވަނީވެސް އިންޑިޔާމީހުނެވެ. ތިޔައުފުލި މީހުންގެ ބަދަލުގައި ސަރުކާރުންވަނީ އެބޯޓުތަކުގެ ހުރިހާ ޚަރަދެއް އިންޑިޔާއަށްދީފައެވެ.