ފިލިޕީންސްގެ ހުޅަނގުޕްރޮވިންސަކުން، ބަލި މީހަކާއި ނަރުހެއްވެސް ހިމެނޭހެން ފަސް މީހުންނާއެކު ދަތުރުކުރި ހެލިކޮޕްޓަރެއް ގެއްލިއްޖެއެވެ.

މިއާއެކު ވައިގެ މަގުންނާއި ކަނޑުގެ ސަރަހައްދުން އެ ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވާގޮތުގައި، ޕައިލެޓަކާއި ބަލި މީހެއްގެ އިތުރުން، ދެ އެކުވެރިންނާއި ނަރުހަކު ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ގެއްލުނީ އެ ޕްރޮވިންސްގެ އެހެން އަވަށަކުން ޕަލަވަންގެ ބްރޫކްސް ޕޮއިންޓްގައި ހުންނަ ހޮސްޕިޓަލަކަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ޕަލަވަންއިން ގެއްލުނީ އަލޫއެޓް ހެލިކޮޕްޓަރެކެވެ. އަދި އެ ހެލިކޮޕްޓަރު ގެއްލުނުކަން ސީއޭއޭޕީން ވަނީ ކަށަވަރުކޮށްދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަންގްސީ އައިލެންޑުން އެ ހެލިކޮޕްޓަރު ނައްޓާލިއިރު، ބްރޫކްސް ޕޮއިންޓަށް ޖެއްސުމަށް ދަތުރު ފެށިއެވެ.

ނަމަވެސް ހެލިކޮޕްޓަރު ގެއްލުނު ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު 9:00 އަށެވެ.

ރެސްކިއު ކޯޑިނޭޝަން ސެންޓަރެއްގެ ރިޕޯޓަކާ ހަވާލާދީ އޭވިއޭޝަން އެޖެންސީގެ ތަރުޖަމާނު އެރިކް އަޕޮލޯނިއޯ ވިދާޅުވީ އެ ނަރުސް މީހާ ފިޔަވައި ބޯޓުގައި ތިބި އެންމެންނަކީ ފިލިޕީންސް މީހުން ކަމަށެވެ.

އެއީ މެޑިކަލް އޭވިއޭޝަން ސާވިސަސް ފާމަކުން އޮޕަރޭޓްކުރާ ހެލިކޮޕްޓަރެކެވެ. އެ ހެލިކޮޕްޓަރު ހޯދުމުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ކުޑަ މަތިންދާބޯޓެއް ހަރަކާތްތެރިވަމުންދާ ކަމަށް އޭވިއޭޝަނާއި ކޯސްޓްގާޑުގެ އޮފިޝަލުން ވިދާޅުވި އެވެ.

މިއީ ފާއިތުވި ހަފުތާތަކުގައި އެ ގައުމުގައި ކުދި މަތިންދާ ބޯޓުތަކާއި ގުޅޭ ގޮތުން ވައިގެ ދަތުރުފަތުރުގެ ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.