ރަޝިއާގައި ހެލިކަޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި ހެލިކަޕްޓަރު ވެއްޓިފައިވަނީ އެގައުމުގެ ސަރަހައްދެއް ކަމަށްވާ ސައިބީރިއާއަށެވެ.

ހެލިކަޕްޓަރު ވެއްޓިފައިވަނީ ޖައްސަން ދިޔަ ވަގުތު އަލިފާން ރޯވެގެން ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އެ ހެލިކަޕްޓަރަކީ ޕްރައިވެޓް ކުންފުންޏެއްގެ ހެލިކަޕްޓަރެއް ކަމަށާއި އެމީހުން ދިޔައީ ފަތުރުވެރިންތަކެއް ގޮވައިގެން ކަމަށެވެ. ނަމަވެސް އޭގައި އެވަގުތު ތިބީ ކިތައް ފަތުރުވެރިން ކަމެއް އެނގިފައެއް ނުވެއެވެ.

އެގައުމުގެ ދައުލަތުގެ މީޑިއާއިން ހެލިކަޕްޓަރުގައި 12 ފަސެންޖަރުންނާއި ތިން ކްރޫއިން ތިބި ކަމަށް ރިޕޯޓް ކުރި ނަމަވެސް, އެހެން މީޑިއާތަކުން ބުނެފައިވަނީ 13 ފަސެންޖަރުން ތިބި ކަމަށެވެ.

ހެލިކަޕްޓަރު ވެއްޓުނު ވަގުތު އޭގައި ތިބި މީހުންގެ އަދަދު ކަށަވަރު ނުވި ނަމަވެސް މިހާދިސާގައި 6 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.