މޯލްޑިވިއަން އިން ބ. ދަރަވަންދު އަށް ކުރާ ދަތުރުތަކުގެ އަގު 840ރ. އަށް ކުޑަކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އަހްމަދު މުޝްއިލް "ވަގުތަށް" ވިދާޅުވީ މޯލްޑިވިއަންއިން ދަރަވަންދު އަށް އަލުން ދަތުރުތައް ފެށުމަށް ނިންމައި ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން 840ރ. ޓިކެޓްގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

ދަރަވަންދު އަށް މޯލްޑިވިއަނުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މޯލްޑިވިއަން ޕްރޮމޯޝަނަލް ފެއާ ކުރިއަށް ގެންދާނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

" ދަރަވަންދޫގެ ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ އެންމެ ފަހުގެ ބޯޓުތައް. މި ޕްރޮމޯޝަންގެ ދަށުން 70 އިންސައްތަ ސީޓް އަގު ހެޔޮކޮށް ބައްލަވާލުމުގެ ފުރުސަތު ލިބިގެންދާނެ. ޖޫން މަހުގެ 30 ވަނަ ދުވަހުގެ ފަހުން މޯލްޑިވިއަންގެ އާލީ ބާޑް ޕްރޮމޯޝަންގެ ދަށުން ވަރަށް ލިމިޓެޑް ސީޓްސް އަގުހެޔޮކޮށް ބެއްލެވުމުގެ ފުރުސަތު ލިބޭނީ." މުޝްއިލް ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން، 2019 ގައި ދަރަވަންދޫއަށް މޯލްޑިވިއަންއިން ކުރި ދަތުރުތައް މެދުކަނޑާލީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

މިހާރު ދަރަވަންދު އަށް ދަތުރު ކުރަމުން ދަނީ ވިލާ އެއާ އާއި މަންޓާ އެއާއިންނެވެ.

ބ.އަތޮޅަކީ ގިނަ ރިސޯޓްތަކެއް އޮންނަ އަތޮޅަކަށް ވުމުން ރާއްޖޭގެ އެންމެ ބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓަކަށް ވެފައި ވަނީ ދަރަވަންދޫ އެއާޕޯޓެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ ތާރީހުގައި ވެސް އަލަށް އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު ބޭނުން ކުރަން ފަށައިފައެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ކުރިއަށް ގެންދިއުމަށް އޭޓީއާރް މަރުކާގެ ތިން ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 އަށް އިތުރުވާނެ އެވެ. ގައުމީ އެއާލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޔާން

    މޯލްޑިވިަން އެއް ނޫން ، ފޭރިވިއަން....

    8
    1
  2. ޑައެލޯގް

    2023 ގެ އިންތިހާބަށް ކުރާކަންކަންތިޔައީ އިންތިހާބަށްފަހު ތިކަހަލަކަންކަން ނިމޭނެއެވެ.

    7
    1
  3. ސައިންޓިސްތު

    މާމިގިލިން މާލެ އަށް ފުލައިމީ ދަތުރެއް އުޅެނީ900ރފ އަށް..20 މިނެއްޓުގެ ދަތުރެއް...ފުލް ފެއާރ ކޮށް ގެސްޓުންނަށް ވިއްކާ އެއްޗެއް...ބާކީ ޖާގަ ކޮޅު މި ދެނީ 900ރފ އަށް...ގާސިމްގެ ރަށޯ މިއީ...