ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަނަދޫ ބަނދަރުގެ މަސައްކަތުގެ ދަށުން ރޭމްޕް އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

އަދި، ޖެޓީގެ ކޮލަމް ހަރުކުރުމުގެ މަސައްކަތު 52 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވާއިރު، ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ.

އަދި 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 32.1 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފަސް އަހަރުން އޮޔާ ދެމިދެމިތޯ
    އެއްތަނުން އެއްގާބުރި އަނެއް ތަނުން އަނެއް ގާބުރި. ތިޔަހަރީ ކުރެވިފައި ކަންކަން.
    ދައުރު ގައި ބާކީ ކިތައް ދުވަސް ތޯ ވެސް ބުނެލިނަމަ. ރައީސް ޔާމީނަށް މަލާމާތްކޮށް ވެރިކަން ހޯދައިގެން އަރާ ކަމެއްނުކުރެވުނު ބަޔަކަށް މަނަދޫ ރައްޔިތުން ބުނެލާނީ ބޮޑުތަނުން ނޫނެކޭ. ބަލަން ތިބޭ. އިތުރު ތަޖްރިބާ ބޭނުމެއްނުވޭ. ފުލުހުންގެ މަރުކަޒުގެ ކިތައް ޕަސެންޓް ތޯވެސް ބުނެލިނަމަ .ލަދުން ބޯހަލާކު