ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ހއ. ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

އުއްޗުގެ ފަރާތުން މި ދެއްވި އެހީއަކީ މަސްވެރިންގެ ދުވަހު ހޯރަފުށީ އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހޯރަފުއްޓަށް ކުރި ދަތުރުގައި، ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ތަރައްގީއަށް ބައެއް އެހީތެރިކަން ބޭނުންވެގެން ހޯރަފުށީ ރައްޔިތުން އުއްޗު ކިބައިން އެދުމުން ދިން އެހީއެކެވެ.

ހޯރަފުށި އިންޓަނޭޝަނަލް ޕްރީ ސްކޫލަށް އުއްޗުގެ ފަރާތުން ތަކެތި ހަވާލުކުރުން

އުއްޗު ވަނީ އެ ދުވަހު، ރައްޔިތުން އެދުނު ގޮތަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހޯރަފުށީ ރައްޔިތުންގެ އެދިލެއްވުމަށް އިޖާބަދީ މީގެ ކުރިންވެސް އުއްޗު ވަނީ ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލަށް އެހީތެރިވުމަށްޓަކައި ހޯރަފުށީ ކައުންސިލަށް މާލީ އެހިތެރިކަން ފޯރުކޮށްދީފައެވެ.

މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުއްޗުގެ ފަރާތުން އޭނާގެ ދަރިފުޅު ސާރާ މުޙައްމަދު މޫސާ މެދުވެރިކޮށް މި އެހީ ވަނީ ރަސްމީކޮށް ހޯރަފުށީ ކައުންސިލާ ހަވާލުކޮށްފައިއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހޯރަފުށި އިންޓަނޭޝަނަލް ޕްރީ ސްކޫލަށް އުއްޗުގެ ފަރާތުން ތަކެތި ހަވާލުކުރުން

މި ރަސްމިއްޔާތުގައި ހޯރަފުށީ ރައްޔިތުންގެ ފަރާތުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވަނީ އުއްޗުއަށް ޝުކުރު އަދާކުރައްވައިފައެވެ.

"މިއަދަކީ ހޯރަފުށީ މީހުންނާއި ހޯރަފުށީގައި ތައުލީމު އުނގަންނަން ބޭނުންވާ ކުދިންނަށް އުފާވެރި ދުވަހެއް. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ގާއިމްކުރުމަށް އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ މަދަދުވެރިކަން ދެއްވި ފަރާތަކީ އުއްޗު. އެއީ އެމަނިކުފާނު ތައުލީމަށްޓަކައި، ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި ދެއްވި ދީލަތި އެހީއެއް." މުހައްމަދު ވަހީދު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ހޯރަފުށީގެ އިތުރުން ހޯރަފުށީގެ ވަށައިގެންވާ ސަރަހައްދުގެ ކުދިންނަށްވެސް އިންޓަނޭޝަނަލް ފެންވަރުގެ ސްކޫލަކުން ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާގެ އިތުރަށް ހޯރަފުއްޓާއި ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި އެހެނިހެން ދާއިރާތައް ވެސް ޗަމްޕާ ބްރަދާސްއިން ތަރައްގީކުރި ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ހޯރަފުށީގައި ތަރައްގީކުރި ގެސްޓް ހައުސްވެސް މިސާލެއްގެ ގޮތުގައި މުހައްމަދު ވަހީދު ނެންގެވިއެވެ.

ސަލީމް ވަނީ އުއްޗުއަށް ޝުކުރުގެ ފިލައެއް ހަދިޔާކުރައްވާފައިއެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލަށް ދިން އެހީގެ ޖުމްލަ އަދަދަކީ 1.17 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މާލީ އެހީއާއި ތަކެތީގެ އެހީ ހިމެނެއެވެ. ތަކެތީގެ ގޮތުގައި ހަދިޔާ ކުރެވިފައިވަނީ ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި، އޮފީސް އިކުއިޕްމަންޓްސްއާ ކުދިން ކުޅެ އުޅޭނެ ހިތްގައިމު ޕްލޭގްރައުންޑަކަށް ބޭނުންވާނެ ތަކެއްޗެވެ.