ބޮޑަށް ބަލަނީ ކޮންޓްރެކްޓްތައް ބާތިލުނުކޮށް ވަގުތު ދީގެން ކޮންޓްރެކްޓަރު ލައްވާ މަސައްކަތްތައް ކުރެވޭތޯ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެކިއެކި މަޝްރޫއުތައް ނުނިމި ލަސްވާ މައްސަލައަކީ މަޖިލީހުގައި އަސްލަމްއާ އެންމެ ގިނައިން އަމާޒުވާ އެއް ސުވާލުވެސް މެއެވެ.

އެގޮތުން މެމްބަރު ޝާހިދު ވިދާޅުވީ އޭނާގެ ދާއިރާގައި ހިމެނޭ މާއުނގޫދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދަނީ ވަރަށް ދަށްކޮށް ކަމަށާއި ތިން އަހަރުވާ އިރު އެ މަސައްކަތުގެ މަސައްކަތް ނިމުނީ 50 ޕަސެންޓާ ހަމައަށް ކަމަށެވެ. އަދި ތިން އަހަރުގެ ތެރެއިން ދެ އަހަރު އޮތީ އެއްވެސް މަސައްކަތެއްވެސް ނުކޮށް ކަމަށްވެސް ވިދާޅުވިއެެވެ.

އެހެންކަމުން އެ މީހުންގެ މަސައްކަތް އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ބާރުވެރިކަމެއް މިނިސްޓްރީގައި ނެތީތޯ އާއި އަދި އެ މަސައްކަތްތައް އަވަސް ކުރެވޭނެ ގޮތެއް އޮތްނަމަ އެއަށް ވުރެ އަވަހަށް ފެއްޓެވިދާނެތޯ ސުވާލު ކޮށްފައި ވެއެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އެކި ކޮންޓްރެކްޓަރުންގެ ޕާފޯމަންސް ހުންނަނީ އެކި މިންވަރަކަށް ކަމަށާއި އަދި މަސައްކަތް ނުކުރާނަމަ ކޮންޓްރެެކްޓެއް ބާތިލު ކުރެވިދާނެ ކަމަށެވެ.

އެހެން ނަމަވެސް ކޮންޓްރެކްޓްތައް ބާތިލުކުރުމަކީ މާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެއީ ޓާމިނޭޓް ކުރީމަ މި ވާގޮތަކީ ފުރަތަމަ ކަމަކަށް ކޮށްފަ ހުންނަ މަސައްކަތްތަކުގެ ވެސް މައްސަލަތަކެއް ހުންނަ ކަމަށް މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ. އޭގެ ތެރެއިން އެއް ރަށް އެއީ ވޭމަންޑޫއަކީ. އަނެއް ރަށް ނައިފަރު އެއީ. އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވުނީ ޓާމިނޭޓް ކުރުމަކުން މަސައްކަތް އަވަހެއް ނުކުރެވޭ. އަޅުގަނޑުމެން ބަލަން ކޮންޓްރެކްޓަރަަށް ހަމަ ވަގުތު ދީގެން އެކަން ކުރެވޭތޯ."، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓްތައް ބާތިލު ކުރުމުގެ ބާރު އެބަހުރި ކަމަށާއި އެކަން ކުރަނީ އެންމެ ފަހުގެ ނިންމުމެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާއުނގޫދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް ދެ ފަހަރު ނޯޓިސް ދީ ކަންކަން ރަނގަޅުކުރަން އަންގާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސާފުޅުބެ

    ކަލޭމެން ހިތަށްއަރަނީތަ، ދައުލަތް ކަލޭމެން ބޭނުންވާގޮތަކަށް ލޫޓުވާލައިގެން، ކުރިއަށް ދެވޭނެކަމަށް. އަސްލަމް ކަލޭމެން ތިހިންގާ ޖަރީމާތައް ބެލޭނެ. ހަނދާންކުރާތި. ބޭނުންވަރަކަށް މުއްދަތު ދެވޭ ކަމަށް ދެކެންޏާ. ކޮބައިބާ ތިބުނާ ބިޑުކުރާ އުސޫލެއް. ވާނުވާގައި ތިބޭ

  2. ހުސޭނުބޭ

    އިތުރަށް ވަގުތު ދެންޏާ އޭގެ އަގު ކުޑަކުރަންޖެހޭނެ!

  3. ފާއިޒް

    ދައުލަތުން ދަރަނި ލޯނު ނަގައިގެން ހިންގާ މަޝްރޫތަށް ކޮންޓުރެކްޓަރު ލަސްވެގެން ދިގުލައިގެންދާކަމުގައި ވަނީނަަމަ ލަސްވާ މުއްދަތުގެ ސަބަބުން ލޯނުދިން ފަރާތަށް ސަރުކާރުން ދައްކަންޖެހޭ އިންޓުރެސްޓުގެ އަދަދާއި ޒިންމާވާންޖެހޭނީ ކޮންޓުރެކްޓަރެވެ. އެއީ ރައްޔިތުންގެބޮލުގައި އެޅުވެންޖެހޭނެ އިންޓުރަސްޓެއް ނޫނެެވެ. އަދި އެކަމާއި އިހުމާލުވެފައިވާ ސަރުކާރުގެ ވެރިންވެސް އެފައިސާގެ ޒިންމާ ފަރުދީގޮތުން އުފުލަން ޖެހޭނެއެވެ.

  4. ކިނބޫ

    އުމުރާނީ ތަރައްޤީ ބޭނުން ނުވެގެން އައި މީހުން މިއީ. ޔާމީނަށް ކުރެވުނު ކަންކަން މަށަށް ނުވާނެއޭ ބުނެބެލަ

  5. ބުހުތާން

    އިބްރާހީމް ނުހޮވުނިއްޔާ ނުހޮވޭނީ މި އަސްލަމްގެ ސަބަބުން ..އެހާވެސް ދޮގުހަދާ ..މީހެއް މިއީ