ތެލެސީމިއާ ކުދިންނަށް ބޭނުންވާ ޑެސްފަރަލް ރާއްޖެއިން ހުސްވެއްޖެ ކަމަށް ބައެއް މީހުން ބުނަން ފަށައިފިއެވެ.

މިއީ ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ކުދިންނަށް ގަވާއިދުން ދޭން ޖެހޭ ފަރުވާއެވެ.

މި ފަރުވާ ދައުލަތުގެ ހަރަދގައި ސެންޓަރުން ދޭން ޖެހޭނެ ކަމަށް ތެލޭސީމިއާ ކޮންޓްރޯލް ކުރުމުގެ ހިދުމަތް ކުރުމުގެ ގަވާއިދުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން މަޝްޙޫރު ލަވަކިޔުންތެރިޔާ އައިޝަތު މާއިން ރަޝީދު ބުނީ، އޭނާއަށް ޑެސްފަރަލް ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. އަދި އެންމެ އަވަހަށްވެސް މާލެއަށް ސްޓޮކް ލިބެނީ ޖޫން 15 ގައި ކަމަށް މާއިން ބުންޏެެވެ.

"އެއްވެސް މީހަކަށް އެނގޭތަ ޑެސްފަރަލް އަވަހަށް ލިބޭނެ ގޮތެއް. އަނެއްކާވެސް މިފަދަ ކަމެއް ދިމާވެދާނެތަ؟ ޑެސްފަރަލްއަކީ ލިބެން ޖެހޭ ބޭހެއް. ނުލިބުނީނަ ދެން 15 ދުވަސް ނުގުޅާ ހުންނަންވިތޯ؟"،

އޭނާ ބުނިގޮތުގައި ލޭ އެޅީ އިއްޔެ އެވެ. ޑެސްފަރަލް ގުޅަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އެ ބޭހެއް ނެތެވެ.

"މާލޭގައި ހުރި ޑެސްފަރަލް ވެސް މެއި 2023 އަށް ހަމަ ވެފައި. މިއީ މިފަހަރު ދިމާވި ގޮތްތޯ؟ ނޫނީ ރަނގަޅަށް ބަލަން ޖެހޭ ވަރަށް ނުބެލިފައިތޯ". މާއިން ފޭސްބުކްގައި ކުރި ޕޯސްޓްގައި ވެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑެސްފެރޯލް ރާއްޖެއިން ހުސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޑެސްފެރޯލްއަކީ ތެލެސީމިއާ ކުދިންގެ ހަށިގަނޑުން ދަގަނޑުގެ ބައި ބޭރު ކުރުމަށް ދޭ އެއްޗެކެވެ.

"މިކަން ތަރުތީބުކޮށް، ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކުގެ ފުރާނަ ސަލާމަތް ކުރާ ބޭސް ލިބޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލަން.". އޭނާގެ ޓްވީޓްގައި ވެއެވެ.

އޭނާ ވިދާޅުވިގޮތުގައި، ދުނިޔޭގައި އެކި ކަންކޮޅުގައި ރާއްޖެގެ އެމްބަސީ/ހައިކޮމިޝަންތައް އެހާ ގިނައިރު، ބޭނުންވާ ބޭސްތައް ވައިގެ މަގުން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

މި މައްސަލާ ގުޅިގެން ހެލްތް މިނިސްޓްރީން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޭޝަންޓް

    ހުސްވިޔަސް ހެވެއްނު. ޑޮކްޓަރު ބުނީ އޯކޭ އޯ. އެހާވެސް ފަރުވާކުޑަ

  2. ހުސޭނުބޭ

    ފުރަތަމަ ހެލްތު މިނިސްޓަރަށް ހުންނަ ބޭފުޅަކު ރިކާބަނާ ނުކޮށް ޞިއްހީ ދާއިރާގެ ކަންކަން ރަގަޅުކުރެވޭނެ ގޮތެއް ނެތް

  3. ނަން

    ކުޑަކުދިންގެ އެންފާމިލް ނުގެނެވިގެން އުޅެނީ ޖެނުއަރީ މަހުން ފެށިގެން. އެ ވާހަކަ ވެސް ދައްކާނުލާ
    މިހާރުވެސް އެންފާމިލް ގެ ސްޓޭޖް 2 ނެތް
    ސަރުކާރުގެ ހާލަތު
    އަނެއްކާ ތި ވެސް ނުގެންނާނީ އެއް ނޫން
    ރައްޔިތުންނާ ގުޅިފަ ހުންނަ ކަަންތައްތަކުގަ ސަރުކާރުގެ ޙާލަތު

  4. ގަރުދިޔަ

    މުހިންމު ގިނަބޭސްތަށް ލުނިބޭ މިދޭތެރެއިން ކީމޯ ނުޖެހިވެސް ހުންނަންޖެހުނު ކީކޭދެންބުނާނީ ނަސީމު ބުނާނެ ހުރިހާއެތްޗެއްވެސް ލިބެޔޯ

  5. Anonymous

    އަވައްޓެރި އިންޑިޔާއިން މިނުލިބޭބާ. ދިވެހިންގެ ބޭސްފަރުވާގެ އެހީތެރިއެއް އިންޑިޔާ އަކީ ކުރިއްސުރެ ވެސް.އަދި މިހާރު
    މިހާވަރަށް އަވަލައިގެން އުޅޭ އިރުވެސް ނުކެރޭދޯ ބޭނުން ޖެހޭ އެއްޗަކަށް އެދެންވެސް.