ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރު ހަރަދުގައި 10 ސްކޮލާޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމަށްދާ ހަރަދާއި، މުސާރައާއި އެއްވަރުގެ އެލަވަންސް އަކާއި ދެކޮޅު ޓިކެޓް ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށެވެ.

މިއީ މެލޭޝިއާގެ ޔުނިވާސިޓީއަކުން ހޯދި ފުރުސަތުތަކެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި މިއީ ސްކޫލް އެޑްމިނިސްޓްރޭޝަން / ސްކޫލް މެނޭޖްމަންޓް/ އެޑިޔުކޭޝަނަލް މެނޭޖްމަންޓް/ އެޑިޔުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • ކިޔަވައިދޭ މާއްދާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން
  • ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ހިދުމަތްކޮށްފައިވުން
  • ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ހިދުމަތްކޮށްފައިވުން
  • ކިޔެވުނަށް ލޯނު ނަގާފައިވާނަމަ ގަވައިދުން ދައްކަމުންދާ ފަރާތެއް ކަމަށްވުން
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވުން

އެ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ސްކޮލާޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

އެ ސްކޮލާޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް ކަނޑައެޅޭ ސަރުކާރުގެ ސްކޫލެއްގައި ހިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލުން ނެތް މައްސަލަ ވަރަށް ގިނައިން ފެންމަތިވެ އެވެ. އަދި ބައެއް ސްކޫލްތަކުގައި ރާއްޖެއިން ބޭރު ޕްރިންސިޕަލުން ތިބޭކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.