ހާއްސަ ދާއިރާތަކަކުން ސްޕެޝަލައިޒްވުމަށް ހަތް ޑޮކްޓަރުންނަށް ސްކޮލާޝިޕް ދީފިއެވެ.

ސެޕްޝަލައިޒްވުމަށް ޑޮކްޓަރުންނަށް ހުޅުވާލި ސްކޮލާޝިޕް އެވޯޑްކޮށްފައިވާ އިއުލާނުކުރައްވަމުން ދެއްވި ހާއްސަ މެސެޖެއްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތައްޔާރުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ.

އެގޮތުން މިއަދު ވަނީ ހަތް ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމަށް ސްކޮލާޝިޕް އެވޯޑް ކޮށްފައި ކަމަށް ވިދާޅުވިއެވެ. އެ ސްކޮލަޝިޕްތައް ދެނީ ސްޕެޝަލައިޒް ވެގެން އެބުރި އައިސް ހެލްތް މިނިސްޓްރީއަށް ބޮންޑް ކުރެވޭ ގޮތަށް އެގްރީމެންޓެއްގައި ސޮއިކުރުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އުންމީދު ކުރަނީ އެފަދަ ދާއިރާތަކުން މީހުން ބިނާވެގެން އައުމުން ގައުމަށް އެ މީހުން ދިރިއުޅޭ ސަރަހަށްދުތަކުން ބޭނުންވާ ސިއްހީ ހިދުމަތްތައް ލުއި ފަސޭހަކޮށް ލިބިގެންދާނެ ކަމަށް ކަމަށެވެ.

ސްކޮލަޝިލްތަކުގައި ކިޔަވަން ފުރުސަތު ލިބޭ ގައުމުތަކަކީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިސްރު، ސައުތު އެފްރިކާ، އަލްޖީރިއާ އަދި ފިޖީ އެވެ.

މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ސްކޮލާޝިޕްތައް އުފެއްދި މައިގަނޑު ވިސްނުމަކީ މީހުން ބިނާކުރުން ކަމަށާއި އަދި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދުން ކަމަށެވެ.

އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް ނިންމީ އެ ޑޮކްޓަރުންގެ ހިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ.