މާލޭގެ ހުސްޖާގަތަކާއި ޕާކުތަކާއި މަގުތައް ކުއްޔަށް ދެވޭނީ ސިޓީ ކައުންސިލުގެ މެމްބަރުން ބައިވެރިވާ ޖަލްސާއަކުންް ފާސްކޮށްގެން ކަމަށް ނިންމި ނިންމުމަށް ދަ ޑިމޮކްރެޓްސް އިން މަރުހަބާ ކިޔައިފިއެވެ.

ކައުންސިލުން ފާސްކުރި މި ބަދަލުތައް ހުށަހަޅާފައިވަނީ ގަލޮޅު މެދު ދާއިރާގެ ކައުންްސިލަރު ރީހާން ނާޒިމްް އާއި ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު ނާޒިމާ މުހައްމަދު ފާއިޒް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފްް ފާތިހުއެވެ. މިއީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

މި އިސްލާހު ފާސްވުމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލެ ސިޓީގެ އާންމު ހުސް ޖާގަތަކާއި، ޕާކާއި، މަގުތަކާއި، ބިމާއި މައިޒާންތަކަކީ މާލެ ސިޓީ ކައުންސިލުގެ މިލްކެއް ކަމަށް ވީހިނދު އެތަންތަނުގެ މަސައްކަތް ހިންގަންޖެހޭނީ ދެފުށްފެންނަ ހާމަކަންބޮޑު، ހުޅުވާލެވިފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.

އަދި އެފަދަ ނިންމުމެއް މުޅި ކައުންސިލްގެ ބައިވެރިވުމާއެކު ކައުންސިލުގެ ރަސްމީ ޖަލްސާތަކުގައި ޑިމޮކްރެޓިކް އުސޫލުން ބަހުސްކުރެވި ވޯޓުނެގޭނެ ކަމަށްވެސް ޕާޓީން ދެކޭކަމަށް ބުނެފައިވެއެވެ.

މާލޭގެ އެއްވެސް އާއްމުތަނެއް, ވިޔަފާރިއަށް ކަނޑައަޅައި، ކުއްޔަށް ދޫކުރުމާއި، އެތަންތަނަށް ބަދަލު ގެނެސް، ތަރައްގީ ކުރުމާއި، އެތަންތަނާއި ގުޅޭގޮތުން ލިބޭ ޕްރޮޕޯޒަލްތައް ބެލުމުގެ މަސައްކަތް ކައުންސިލުގެ ވަކި ކޮމިޓީއަކުން ކޮށްގެން ނުވާނެ ކަމަށާއި، އެއިން ކަމަކާމެދު ފަހުބަސް ބުނެ ގޮތްކަނޑައަޅާނީ ކައުންސިލުގެ އާންމު ރަސްމީ ބައްދަލުވުމުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ، މިއީ މާލޭގެ ބިމާއި، ވަސީލަތުގެ މައްޗަށް ރައްޔިތުން ސީދާ ބަސް ކިޔައި ގޮތް ކަނޑައަޅާ ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ލާމަރުކަޒީ ގާނޫނުގެ ބާރާއި އިޚްތިޔާރުތައް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމަށް ސިޓީ ކައުންސިލް ހިންގުމުގެ ސިޔާސަތަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެކެވެ.

މިބަދަލު ސިޓީ ކައުންސިލުގެ ހިންގުމުގެ ގަވާއިދުގައިވެސް ހުދާކަޅުން ލިޔެވިގެންވުމުގެ ބޭނުންތެރިކަން ފާހަގަވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ސިޓީ ކައުންސިލުގެ ބިމާއި، ވަސީލަތްތަކުގެ ހިމާޔަތުގައި ދަ ޑިމޮކްރެޓުން ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށް ވޯޓުދެއްވިކަމަށްޓަކައި ކައުންސިލުގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރުންނަށް ޝުކުރުދަންނަވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން މިއަދު ނިންމެވި އިސްލާހުގައި ބުނެފައިވާ ގޮތުގައި މާލޭގެ އެއްވެސް އާއްމުތަނެއް, ވިޔަފާރިއަށް ކަނޑައަޅައި، ކުއްޔަށް ދޫކުރުމާއި، އެތަންތަނަށް ބަދަލު ގެނެސް، ތަރައްގީ ކުރުމާއި، އެތަންތަނާއި ގުޅޭގޮތުން ލިބޭ ޕްރޮޕޯޒަލްތައް ބެލުމުގެ މަސައްކަތް ކައުންސިލުގެ ވަކި ކޮމިޓީއަކުން ކޮށްގެން ނުވާނެ ކަމަށެވެ.

އެފަދަ ކަމެއްގެ ގޮތް ނިންމޭނީ މާލޭ ސިޓީ ކައުންސިލްގެ ޢާންމު ރަސްމީ ޖަލްސާއަކުން މެންބަރުންގެ އަޣުލަބިއްޔަތުން ވޯޓުލާ ފާސްކޮށްގެން ކަމަށް މިއަދުގެ ޖަލްސާގައި ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    އެހެންވީމާ ސޯސަންމަގު ކޮޅުގައި އެހުރި އިސްކަންދަރު މިސްކިތާ ޖެހިގެން ހުރި ބިމުގައި އެހިރަ ތަން...... ނޭގެ ބަންގިގޮވާ އިރުވެސް އަޑުކެޑޭނެހެނެއް..

  2. ޜާޅު

    ވ ރަނގަޅު. ޙުރިހާ ތަނެއްވިއްކާނިމުނީމަ ގަވައިދު ހަދަނީ

  3. ބޭރި

    ސާބަހޭ ކިނބުލަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ ރޮވެނިއްޔޭ ފަހުފަހަރު ހިތަށްއަރަނީ ކިހިނެއްމިވަނީ ހުރިހާކަމަކުން ކިނބުލުގެ ބާރު ދެރަވަނީ މީކިހިނެއްވާކަމެއް.

  4. ޕިސްޕިސް

    ސިޓީ ކައުންސިލް ތެރޭ ތީނދި ޕޯސްޓަރު ބަލާލީމަވެސް އިނގޭ ތަނުގެ ހާލަތު . . ތީ ޕީ ޕީ އެމްގެ އޮފީ ހެއްނޫން ޔާމިނުގެ ޕޯސްޓަރު ޖަހާކަށް

    1
    2
  5. ޔާންޔާ

    މާލެ މީހުނައް މިއަދު ގޯތި ދިނުން ކައުންސިލުން ހުއްތުވަންފެނޭ ! ގޯތި ދެނީ ހުސް އެމްޑީ ޕީ މީހުނައް .